ކުރީގެ ރައީސް ޔާމީނަށް ކުރި ޖަލު ހުކުމާއި ގުޅިގެން އެކަން ކުށްވެރިކޮށް އިދިކޮޅު ޕީޕީއެމުން މިރޭކުރި މުޒާހަރާއިން 10 މީހަކު ހައްޔަރު ކޮށްފިއެވެ.

ރައީސް ޔާމީން ޖަލަށްލާން ކުރި ހުކުމާއި ގުޅިގެން މިރޭވަނީ އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުންނާއި ޔާމީނަށް ތާއީދުކުރާ އާންމު މެންބަރުންގެ ބަޔަކު ވެސް މުޒާހަރާއަށް ނުކުމެފައެވެ. އެ މެންބަރުން ވަނީ ހުކުމަށް ފާޑުކިޔާ އަދި އެ ހުކުމަކީ އިންޑިއާގެ ނުފޫޒުން ކުރިކަމެއްކަމެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ބޯޑުތައް ވެސް ގެންގުޅެފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މިރޭގެ މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި 10 މީހަކު ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އެ ކޯލިޝަންގެ ކައުންސިލް މެންބަރުންވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

ޔާމީންގެ ހުކުމާއި ގުޅިގެން ރޭ ވެސް އިދިކޮޅުން ވަނީ މުޒާހަރާކޮށް، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ. ނަމަވެސް، ޕާޓީގެ މެންބަރުންގެ އަދަދަށް ބަލާއިރު އަދި މީގެ ކުރިން ޕީޕީއެމުން ބޭއްވި އެއްވުންތަކަށް ބަލާއިރު މިރޭވެސް ފެނިގެން ގޮސްފައިވަނީ މަދު އަދަދެއްގެ ބައެކެވެ.



ކިޔުންތެރިންގެ ހިޔާލު