ކައުންސިލްތަކުގައި ސިޔާސީ ދައުރެއް އޮވެގެން ނުވާނެކަމަށް ގާނޫނު އަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމާއި ގުޅިގެން އެ ހުކުމަށް ފާޑުކިޔައި ބައެއް ކައުންސިލްތަކުން ގެންދަނީ ނޫސް ބަޔާންތައް ނެރެމުންނެވެ. ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކާއި، އަދި ކައުންސިލްތަކުގައި ހިމެނޭ ޕީޕީއެމްގެ މެންބަރުން އެފަދަ ބަޔާންތައް ނެރެމުންދާތީ އެކަމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

އެގޮތުން، ރައީސް ޔާމީންގެ ސަރުކާރުގައި އެފަދަ ބަޔާނެއް ކައުންސިލަކުން ނެރެފިނަމަ ކައުންސިލްތަކުގެ ބެލެނިވެރިފަރާތް ކަމަށްވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީންވަނީ އެކަން ހުއްޓުވަން މަސައްކަތްކޮށް ބައެއް ކައުންސިލްތަކަށް ފިޔަވަޅުވެސް އަޅާފައެވެ.

އެގޮތުން މިއަދު ކައުންސިލްތަކުން ނެރުނު ބަޔާންތަކާ ގުޅިގެން ނަފާ ނަސީމް ވިދާޅުވީ، ކައުންސިލްތަކުން އެފަދަ ބަޔާންތައް ނެރުން އެލްޖީއޭއިން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. އަދި ކައުންސިލްތަކުގައި ސިޔާސީ ދައުރެއް އޮވެގެން ނުވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު