ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މުލަކަތޮޅު ކޮޅުފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު، ކޮޅުފުށީ ކައުންސިލް އިދާރާގައެވެ.

މިބައްދަލުވުން ފަށްޓަވައި ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގައި، ކައުންސިލްތަކާއި، އ.ތ.މ ކޮމީޓީތަކާއި ބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީ ރަށްރަށުގެ ތަރައްޤީގައި އެރަށެއްގެ ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރެއްވުން ކަމަށެވެ. އަދި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި ސަރުކާރުގެ ވަފުދަށް ކޮޅުފުށީގެ ރައްޔިތުންގެ ފަރާތުން ދެންނެވި ހޫނު މަރުޙަބާއަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކޮޅުފުށީ ކައުންސިލުންވަނީ، އެއްފަހަރާ އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ކޮޅުފުށީގައި ހިންގަމުން އަންނަނީ މިސަރުކާރުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އަސާސީ ޚިދުމަތްތައް ރަށުގައި ޤާއިމް ކުރެވިފައިވާ ކަމަށާއި، 100 ހައުސިންގ ޔުނިޓްގެ މަސައްކަތް އަވަސް މުސްތަޤުބަލެއްގައި ނިމިގެން ދިޔުމުން މިހާރު ހުރި ގިނަ ދަތިތައް ހައްލުވެގެންދާނެ ކަމުގައިވެސް ކައުންސިލުން ހާމަކުރިއެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރި އިތުރު ކަންކަމުގެ ތެރޭގައި ރަށުގެ މަގުތައް ހެދުމާއި، ބޯޅަދަނޑު ހެދުމާއި، އިޖުތިމާއީ މަރުކަޒެއް ގާއިމުކުރުން ހިމެނެއެވެ. އަދި އަތޮޅުވެރިކަން ކުރާރަށް، މުއްޔަށް ފަޅުތެރެއިން ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަން ރައްޔިތުން ބޭނުންވާކަން ފާހަގަކުރިއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އަންނައަހަރު ކޮޅުފުށީގައި ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ މައުލޫމާތު ހިއްސާކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރެވިފައިވާ މަސައްކަތްތަކުގެ މައުލޫމާތުވެސް ކައުންސިލާއި ހިއްސާކުރައްވާފައެވެ. އަދި ކޮޅުފުށީގައި ސަރުކާރުން އަޅަންފަށާފައިވާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިޔަށް ގެންގޮސް އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން މ. ކޮޅުފުށްޓަށް ކުރެއްވި މިދަތުރުފުޅަކީ، އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވެވި ދަތުރުފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު