އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވެ ރައީސް ޔާމިން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. އެގޮތުން މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ރައީސް ޔާމީން ހަތް އަހަރު ދުވަހުގެ ޖަލަށްލުމަށާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުން އިއްވި ގާޒީ ރަހީނު ކޮށް ޖަލު ހުކުމަށް އިންޑިޔާ އާއި ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ. އެކަމާ ގުޅިގެން "ރަސްއޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިރޭ ވިދާޅުވީ ރައީސް ޔާމިންގެ މައްޗަށް އިއްވި ޖަލު ހުކުމަށް ސަރުކާރުގެ އެއްވެސް ނުފޫޒެެއް ނެތް ކަމަށެވެ.

"މި ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒެއް ނުފޯރުވާނެ،" ރައީސް ޔާމިންގެ މައްޗަށް އިއްވި ހުކުމާއި ގުޅުވައި އިދިކޮޅުން ކުރާ ތުހުމަތުތަށް ދޮގު ކުރަށްވަމުން މިއުވާން ވިދާޅުވިއެވެ.

ރައީސް ޔާމިންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން މިހާރު ވަނީ ނިންމާފައެވެ.

ރައީސް ޔާމިން 11 އަހަރަށް ޖަލަށްލުމަށް ހުކުމްކުރުމުގެ އިތުރުން އެމަނިކުފާނު 5 މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އެ ފައިސާ މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކައި ޚަލާސްކުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ. ރައީސް ޔާމިން އަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރުމަށް އެމަނިކުފާނު މިހާރު ވަނީ މާފުށީ ޖަލަށް ގެންގޮސްފައެވެ.

މީގެ އިތުރުން ރައީސް ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލަށްލުމަށް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު