ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިނަމަވެސް ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަބުދު ﷲ ޔާމީންގެ ފަރާތްޕުޅުން މި މެސެޖް ދެއްވާފައިވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

ކްރިމިނަލް ކޯޓު ބޭރުގައި މިއަދު ހަވީރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ކުރައްވާ ރާއްޖޭގެ ހުރިހާ ރައްޔިތުން ސާބިތުކަމާއެކީގައި ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ ދިފާއުގައި އިހަށް ވުރެ ވަރުގަދައަށް ޖޯޝާއެކީގައި ނުކުތުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

"އެމަނިކުފާނު ވިދާޅުވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ރާއްޖޭގެ ހުރިހާ ރައްޔިތުން ސާބިތުކަމާ އެކީގައި ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލްގައި އިހަށް ވުރެ ވަރުގަދައަށް ޖޯޝާ އެކީގައި ނުކުމެ ވަޑައިގެން އެ މަސައްކަތް ކުރައްވާށޭ. ތިމަން މަނިކުފާނު ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވަމޭ،" ރައީސް ޔާމިންގެ މެސެޖް ހިއްސާކުރަށްވަމުން ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލުގެ ހުކުމެއް އައީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވުމުންނެވެ.

އެގޮތުން މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ޔާމީނަށް ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އެ ފައިސާ މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ ޔާމީނަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެެއް އިއްވާފައެވެ. ރައީސް ޔާމިންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން މިހާރު ވަނީ ނިއްމާފައެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރުމާއެކު އެޖަލު ހުކުމް ތަންފީޒުކުރުމަށް އެ މަނިކުފާނު މިހާރު ވަނީ ކ. މާފުށީ ޖަލަށް ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު