އިބްރާހިމް ފަހީމް   25 ޑިސެމްބަރު 2022 - 19:12
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް މިއަދު ޖަލުހުކުމް އިއްވިގެންދިޔަ ޝަރީއަތަކީ ފުރިހަމަ ޝަރީއަތެއްކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލީ މަނިކު، މޫކޭ ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމާއިއެކު މަނީލޯންޑަރ ކުރުމާއި ރިޝްވަތު ހިފުމުގެ ކުށުގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި 77 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ، މި ހުކުމަކީ އިންޑިއާ ސަރުކާރުން އެދިގެން މި ސަރުކާރު އަޑީގައި އޮވެގެން ކުރި ހަރާމް ހުކުމެއް ކަމަށެވެ. އަދި ހުކުމް ބަލައި ނުގަންނާނެކަމަށެވެ.

އިދިކޮޅު ސަޕޯޓަރުން ޖަޒުބާތުގައި ތިބި މި ވަގުތު މޫކޭ މިއަދު ވިދާޅުވީ، ނިމިގެން ދިޔައީ ފުރިހަމަ ޝަރީއަތެއް ކަމަށާއި މިއީ ޕީޕީއެމަށް އުފާވެރި ދުވަހެއްކަމަށެވެ.

އަދި ޔާމީންގެ ވައްކަމާއި އަނިޔާވެރިކަމަކީ ދިވެހީން ހަނދާން ނެތޭނެ ކަމެއް ނޫންކަމަށާއި ހުކުމާއި ގުޅިގެން ޕީޕީއެމް މެންބަރުންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔުމަކީ ހައިރާންވާނެ ކަމެއް ނޫންކަމަށް މޫކޭ ވިދާޅުވިއެވެ.

މޫކޭ މިފަދައިން ވިދާޅުވިނަމަވެސް އިދިކޮޅުން ބުނެފައިވަނީ، ޖަލަށް ލީނަމަވެސް، 2023 ގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އަދި އެހެން އެއްވެސް ބޭފުޅެއްގެ ޝައުގުވެރިކަން ރިޔާސީ ޓިކެޓަށް ނެތްކަމަށް ވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު