އަހުމަދު މަސްނޫމް   25 ޑިސެމްބަރު 2022 - 18:3
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާއާއި މަނީލޯންޑްރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ މަނީ ލޯންޑްރިންގެ ކުށުން ރައީސް ޔާމީން ކުށްވެރިވެފައިވާތީ އެކުށުގެ އުގޫބާތެއްގެ ގޮތުން އެމަނިކުފާނު ހަތް އަހަރަށް ޖަލަށް ލުމަށާއި އަދި ރިޝްވަތުގެ ކުށް ސާބިތުވެފައިވާތީ އެމަނިކުފާނު ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ކުރެއްވި އެ ހުކުމްގައި ރައީސް ޔާމިން 11 އަހަރަށްޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިނަމަނާކޮށް އެ ފައިސާ މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކައި ޚަލާސްކުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގައި ދައުލަތުން ވަނީ ރައީސް ޔާމީންގެ 19 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް އެދިފައެވެ. އެގޮތުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުން ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް އެދިފައިވާއިރު މަނީ ލޯންޑަރިންގެ ކުށަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް ވެސް ދައުލަތުން އެދިފައިވެެއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ރިޝްވަތުގެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހަށް ޖަލަށްލުން ކަމަށް ވިޔަސް، ޔާމީން ކުށް ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ކަމަށްވާތީއާއި އޭގެ ސަބަބުން ރައްޔިތުންނަށް ގެއްލުންތަކެއް ވެފައިވާތީ އަދަބުގެ މިންވަރު އެއް ދަރަޖަ ބޮޑުކުރަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ރޭވިގެން ކުށް ކޮށްފައިވާތީއާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ބޭނުންކޮށްގެން ކުށް ކޮށްފައިވާތީ ޔޫސުފް ނައީމްގެ އަދަބު ލުއި ނުކުރެވޭނެ ކަމަށް އިސްގާޒީ ކުރެއްވި ހުކުމުގަައި ވަނީ ބުނެފައެވެ.

ރައީސް ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލަށްލުމަށް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ހިފިކަން ސާބިތުވެ އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލާގައި ޔާމީންގެ މައްޗަށް އައި މި ހުކުމާއި އެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް މިހާރު ވަނީ ގެއްލިފައެެވެ.

މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދިން މައްސަލާގައި ވެސް ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. އެހެން ނަމަވެސް އެ ހުކުމް ސުޕްރީމް ކޯޓުން ފަހުން ވަނީ ބާތިލްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު