އަހުމަދު މަސްނޫމް   24 ޑިސެމްބަރު 2022 - 20:14
ފެނަކަ ކުންފުނީގެ ސްމާޓް މީޓަރުގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

އެ ޚިދުމަތް އިފްތިތާހް ކޮށްފައިވަނީ ގއ.މާމެންދޫގައި އިމާރާތް ކުރި އާ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފެނަކައިން މައުލޫމާތުދޭގޮތުގައި މި ހިދުމަތަކީ ރިއަލް ޓައިމްގައި ކަރަންޓް ބޭނުން ކުރެވެމުންދާ ގޮތާއި އޭގެ ތަފްސީލު މިނެޓުން މިނެޓަށް މިން ކުރެވި ފެންނަން ހުންނާނެ ޓެކްނޮލޮޖީއެކެެވެ. އަދި މި ހިދުމަތް މެދުވެރިކޮށް މޮބައިލް ފޯނުން އިތުރު ތަފްސީލުތައް ފަސޭހަކަމާއެކު ބަލާލެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށާއި އޭގެ ސަބަބުން އެމީހަކު ބޭނުންވާ މިންވަރެއްގައި ކަރަންޓް ބޭނުން ކުރެވޭ މިންވަރު އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބި، ކަރަންޓް އިސްރާފު ކުރުން މަދު ކުރެވޭނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

ފެނަކައިން ބުނިގޮތުގައި ސްމާޓް މީޓަަރު މެދުވެރިކޮށް ބޭނުންވާ ތަފްސީލުތައް ހިދުމަތްދޭ ފަރާތުގެ ސިސްޓަމްތަކުގައި ވަގުތުން ވަގުތަށް ރެކޯޑް ވަމުންދާއިރު ކަސްޓަމަރަކަށް ބިލު ކުރުމުގައި އަތުވެދާނެ ކަންބޮޑުވުމެއްގެ އިރުޝާދު ދުރާލާ ކުންފުނީގެ ފަރާތުން ދެވޭނެއެވެެ. އަދި އެކި ގޭބީސީތަކުގެ ކަރަންޓަށް ވަމުންދާ ގޮތް ވަގުތުން ދެނެގަނެވޭނެ އެއްޗަކަށް ސްމާޓް މީޓަރު ވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފެނަކައިން ހާމަކުރިގޮތުގައި އެކުންފުނީގެ އަމާޒަކީ ރާއްޖެއަށް ޕްރީފެއިޑް ކަރަންޓް މީޓަރުތައް ހަރުކޮށް، އެ ހިދުމަތް ވެސް ދިނުމެވެ. ފެނަކައިގެ ހިދުމަތްތައް ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް މިހާތަނަށް 135 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު