ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ހިކުމަތްތެރިކަމާއި ކެތްތެރިކަމާއެކު އަމާން މިސްރާބަކަށް ގައުމު ގެންގޮސްދީފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ، 20000 އަށްވުރެގިނަ މެމްބަރުންގެ ސޮޔާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެޕާޓީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ކުރިމަތިލެއްވުމާއި ގުޅިގެންނެވެެ. އެމްޑީޕީގެ އަންހެނުން ރޫޙުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވީ ހިތާ ރޫޙުން އޭނާގެ ތާއިދު އޮތީ ރައީސް ސޯލިހަށް ކަމަށާއި، އޭގެ ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ ހިކުމަތްތެރިކަމާއި ކެތްތެރިކަމާއި ގައުމު އަމާން މިސްރާބަކަށް ގެންގޮސްދީފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.



"އެންމެންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލްކަން ހުންނެވި މުޅި ރާއްޖެ އެއްހަމަޔެއްގައި ތަރައްގީ ކުރެއްވީ ރައީސް ސާލިޙު،" ރައީސަށް ތާއިދު ކުރާ ސަބަބުތައް ހާމަކުރަށްވަމުން ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކުރިމަތިލައްވާފައެވެ. މި ޕްރައިމަރީ ވެގެންދާނީ ފަހުގެ ތާރީޚެއްގައި އެމްޑީޕީގައި ބޭއްވޭ އެންމެ ވާދަވެރި ޕްރައިމަރީއަށެވެ.



އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ ބޭފުޅުންނަށް ތާއިދު ކުރާ ފަރާތްތަކުން ވަރަށް ފޯރި އާއެކު ކެމްޕޭން ކުރަމުންދާއިރު އެ ޕްރައިމަރީ ބޭއްވުމަށް ހަަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު