ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލް ގައްޔޫމާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލާގައި އެމަނިކުފާނަށް ޖަލުހުކުމެއް އަޔަނުދިނުމަށް އެމްޑީޕީގައި ހިމެނޭ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން އިދިކޮޅާ ގުޅިގެން މަސައްކަތް ކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ތުހުމަތު ކުރައްވައިފިއެވެ.

އިދިކޮޅު ކޯލިޝަންގައި އިސްކޮށް އުޅުއްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އެކުގައި ސައިކަލްގައި ތިއްބެވި ފޮޓޯއެއް އިއްޔެ ވަނީ މީސްމީޑިއާގައި ދައުރުކޮށްފައެވެ.

ރައީސް ޔާމީނަށް ޖަލުހުމެއް އަތުވެދާނެތީ އެކަމުން އެމަނިކުފާނު ސަލާމަތް ކުރަން ރައީސް ނަޝީދުގެ ފެކްޝަނުން މަސައްކަތް ކުރާކަމުގެ ތުހުމަތު ނިހާދު ކުރެއްވީ އެ ފޮޓޯއާއި ގުޅުވައިގެނެވެ.

ނިހާދު ވިދާޅުވީ، ޔާމީނަށް ޖަލު ހުކުމެއް ޖެހިޔަ ނުދިނުމަށް ދެ ފެކްޝަނުން ވަރަށް މަސައްކަތް އެބަ ކުރާކަމަށެވެ. އަދި އެކަން ކުރަންޖެހޭނީ ތަހުގީގު ހިނގާ ދުވަސްވަރުގައާއި ޝަރީއަތުގެ މަރުހަލާގައި ކަމަށާއި ޝަރީއަތް ނިމުނީމަ ކުރާނެކަމެއް ނޯންނާނެކަމަށް ނިހާދު ވިދާޅުވެފައިވެއެވެ.

ނިހާދު އިތުރަށް ވިދާޅުވީ މިހާރު ފަނޑިޔާރުން ނުގަނެވޭނެ ކަމަށާއި ފަނޑިޔާރުން މިހާރު ބިރެއްވެސް ނުގަންނާނެ ކަމަށެވެ.

ނިހާދު މިފަދައިން ވިދާޅުވިއިރު، ރައީސް ޔާމީންގެ މައްޗަށްކުރާ ކޮރަޕްޝަނާއި މަނީލޯންޑަރ ކުރުމުގެ ކުށުގެ ދައުވާގައި މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލާގައި ދެން އޮތީ ހުކުމް އިއްވުމެވެ. އަދި އަޑުއެހުންތައް ނިންމާލައި މާދަމާ ހުކުމް ކުރުމަށް ކޯޓުން މިހާރުވަނީ ތާވަލު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު