ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ހޮވުމަށް އެ ޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފޯމް ހުށަހެޅުއްވުމާއިއެކު، މި ސަރުކާރުގައި ހިމެނޭ އެމްޑީޕީގެ މިނިސްޓަރުން ރައީސް ޞާލިހަށް ތާއީދު ކުރައްވަން ފައްޓަވައިފިއެވެ.

20000 މީހުންގެ ސޮޔާއިއެކު އިއްޔެ ރައީސް ޞާލިޙް ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް ޕާޓީ އޮފީހަށް ހުށަހަޅުއްވާފައެވެ. އެއާއިއެކު މި ސަރުކާރުގެ އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންގެ ތެރެއިން، ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ ވަނީ ރައީސްއަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައެވެ.

އެ ބޭފުޅުންނަކީ އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ޞާލިޙްގެ ފެކްޝަންގައި މިހާތަނަށް ވެސް ތިއްބެވި ބޭފުޅުންނެވެ. ނަމަވެސް، ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދުވެސް ވާދަކުރައްވަން ނިންމަވާފައިވަނިކޮށް، ޕްރައިމަރީގައި ތާއީދު ކުރައްވާނީ ރައީސް ޞާލިޙަށްކަން އެ ބޭފުޅުން ހާމަ ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.



ރައީސް ޞާލިޙަށް ތާއީދު ކުރައްވާކަން ހާމަކުރައްވަމުން މަޚްލޫފް ވިދާޅުވީ، ފާއިތުވި ހަތަރު އަހަރުގެ ތަޖުރިބާގައި ތާއީދު ކުރެވެން އޮތީ ރައީސް ޞާލިޙަށް ކަމަށެވެ. އަދި ދެ ކެންޑިޑޭޓުންވެސް ރީތި ކެމްޕޭނެއް ކުރުމަށް މަޚްލޫފް ވަނީ އެދިވަްައިގެންފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ދެ ބޭފުޅުން ވާދަކުރައްވާއިރު މިހާތަނަށް ފެންނަ މަންޒަރުގައި ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބޮޑެތި ބޭފުޅުންގެ ތާއީދު ހޯއްދަވާފައިވަނީ ރައީސް ޞާލިޙެވެ.



ކިޔުންތެރިންގެ ހިޔާލު