ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރާއި ރައްޔިތުން ދުރަށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބުދުﷲ ވިދާޅުވެއްޖެއެވެ.

ގއ ދާންދޫ ބިންހިއްކުމުގެ މަޝްރޫއު ނިންމުމަށް ރޭ އެރަށުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބުދު ﷲ ވިދާޅުވީ އެދާއިރާގައި މިހާރު ވެސް ސަރުކާރުން ވަރަށް ގިނަ ޕްރޮޖެކްޓްތައް ހިންގަމުން ގެންދާ ކަމަށެވެ. އެހުރިހާ ޕްރޮޖެކްޓްތައް އެއްކޮށްލުމުން މިހިނގާ ރިޔާސީ ދައުރުގައި ކޮންމެ މަހަކަށް، އެ ދާއިރާގެ ކޮންމެ ރަށަކަށް ޕްރޮޖެކްޓެއް (ކުރަން، ނުވަތަ ރާވައިފައި) މަގުން ޖެހޭ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ އޭނާއަކީ ބަޖެޓް ކޮމެޓީގައި ވެސް މަސައްކަތް ކުރަށްވާ މެމްބަރެއް ކަމަށާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެ މިންވަރަށް ތަރައްގީގެ ގިނަ ޕްރޮޖެކްޓްތައް ހިނގަމުންދާކަމަށެވެ. އަދި ސަރުކާރުން ތަރައްގީއަށް ކުރާ މަސައްކަތް އިހުސާސް ކުރެވޭނަމަ ދިވެހި ރައްޔިތުން މި ސަރުކާރު ދޫކޮށްނުދާނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މި މިންވަރަށް މަސައްކަތް ކުރެވެމުން އެބަދޭ، އެހެންވީމަ ދިވެހި ރައްޔިތުން، އަޅުގަނޑަށް ޝައްކެތް ނެތް މި ސަރުކާރާއިމެދު ދުރަށް ދާނެ އެއްވެސް ސަބަބެއް އެއްވެސް ރައްޔިތަކަށް ނެތްކަން." ރައީސް ސާލިޙު ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ޔައުގޫބް ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ޔައުގޫބް ވަނީ ރައީސް ސާލިޙު ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދިނުމަށް މަސައްކަތް ކޮށްދޭން އެ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ގއ. އަތޮޅުގެ ތިން ރަށަކަށް ރައީސް ޞާލިޙް މިހާރު ކުރަށްވަމުން ގެންދަވާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ ގއ. ނިލަންދޫ އަށް ވަޑައިގެންފައެެވެ. ރައީސްގެ މި ދަތުރުފުޅުގައި ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު މާމެންދޫ އަށެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި އެ ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ބައެއް ޢުމްރާނީ މަޝްރޫޢުތައް ނިމިފައިވުމުން، އެޚިދުމަތްތައް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު