ރާއްޖޭގެ އިތުރު ތިން ރަށެއްގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ގދ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމަށް ރޭ އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ރާއްޖޭގެ އިތުރު ތިން ރަށެއްގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމަށް ތައްޔާރުވަމުންދާކަމަށާއި، ރައީސް ސާލިޙުގެ މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި އެމަސައްކަތް ނިއްމާލެވޭނެ ކަމަށެވެ. އަދި މިހާރު ވެސް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް އަސްލަމް ވިދާޅުވިއެވެ.

"ރާއްޖެ ތަރައްގީވާންވީ ގޮތް އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެން ކުރަހާފައި އެބައޮތް، އަޅުގަނޑުމެންގެ ސިޔާސަތުގައި އޮތީ ލާ މަރުކަޒުވުން، ލާމަރުކަޒީ ވާންޖެހޭ އަތޮޅުތެރެ ތަރައްގީވާންޖެހޭ އަތޮޅުތަކުން ޚިދުމަތް ލިބެންޖެހޭ އެ ވިސްނުން ހުރީ އަޅުގަނޑުމެންގެ." އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ދަތުފަތުރުގެ ނިޒާމުން ގުޅާލުމަށް މިހާރު ގާއިމް ކޮށްފައިވާ އާރުޓީއެލް ފެެރީގެ ނިޒާމަކީ ދުނިޔޭގެ ފެންވަރުގައި ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އަދި ފެރީގެ ނިޒާމުން މިހާތަނަށް 70000 މީހުން ދަތުރުކޮށްފައިވާ ކަމަށާއި އަންނަ އަހަރުގެ މެދަކާއި ހަމަޔަށް ދާއިރު ދެކުނުގެ ހަތަރު އަތޮޅުގައި އެ ޚިދުމަތް ގާއިމް ކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު