ތަރައްގީއާއި ކުރިއެރުން ގެންނަން ބޭނުންވާނަމަ މި ސަރުކާރާއިއެކު ރައްޔިތުން ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ރައީސް ޞާލިޙް މިފަދައިން އެދިވަޑައިގެންނެވީ ގދ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމަށް މިރޭ އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ރައްޔިތުން ބަލައިގަނެ، ވެރިކަން ހަވާލުކުރީ އުއްމީދުތަކެއް އޮވެގެންކަމަށާއި، ސަރުކާރުން މަސައްކަތްކުރަނީވެސް އެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވަންކަމަށެވެ. އަދި މިއަދު ސަރުކާރަށް 4 އަހަރު ވެފައިވާއިރު، ރައްޔިތުން ބޭނުންވި އެތައް ބަދަލުތަކެއް ގެނެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ ކިބައިން ނިގުޅައިގަނެފައިވާ އެތައް ހައްގެއް އަނބުރާ ހޯދައިދެވިއްޖެ ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކަށް ހުރަހެއް ނެތް މިހާރަކު ނެތް ކަމަށެވެ. އަދި ނޫސްތަކުގައި އެދަނީ އެބޭފުޅުން ބޭނުންފުޅުވާ ހިޔާލުތައް ފާޅުކުރަމުން ކަމަށާއި ބޭނުން ވާހަކައެއް، ބޭނުން ގޮތަކަށް ދައްކާއިރު ހުރަސް ނާޅުއްވާ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަށް އެކަން ބަލައިގަނެވޭނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުން ގައުމުގެ ތަރައްގީއަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ. ހާއްސަކޮށް ފެނާއި ނަރުދަމާފަދަ އަސާސީ ހިދުމަތްތައް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި ދައުރު ނިމޭއިރު ލަފާފުރުމުގެ ދަތިތަކަން ހައްލުނުވާ އެންމެ ރަށެއްވެސް ނޯންނާނެކަމަށާއި ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ ރަށެއް ނޯންނާނެކަމަށެވެ. އަދި ތަރައްގީއާއި ކުރިއެރުން ގެންނަން ބޭނުންވާނަމަ ގައުމުގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތުގައި ރައްޔިތުން ސަރުކާރާއި އެއްކޮށް ތިއްބެވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު