އަހުމަދު މަސްނޫމް   23 ޑިސެމްބަރު 2022 - 22:35
ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރަކީ "މަރުފަލި" ޖަހަމުންދާ ސަރުކާރެއް ކަމަށް އިދިކޮޅު ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމިން މިރޭ ވިދާޅުވެއްޖެެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ "ފެލާލައިފި" މިނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ ރައީސް ސާލިޙުގެ ސަރުކާރު ބަދަލުވާން މާގިނަ ދުވަހެއް ނެތް ކަމަށެވެ. މި ސަރުކާރަކީ "މަރުފަލި" ޖަހަމުންދާ ސަރުކާރެއް ކަމަށާއި ސަރުކާރު ބަދަލުވާއިރަށް ސަރުކާރުގައި ތިބި ބޭފުޅުން ގައުމު ދޫކޮށް ފިއްލަވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމުގެ ތުހުމަތު ރައީސް ސޯލިހްގެ އިސްތަށިފުޅުގައި އެޅިފައިވާ ކަމަށެވެ. އެތަހުގީގުތަކާއި އެމަނިކުފާނަށް ކުރިމަތިލައްވަން ކެރިވަޑަައިނުގަންނަވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަނަށް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށް ބުނަމުންދާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް މި ސަރުކާރުން ބެލުނު ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ފެންނަން ނެތް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ, އެމްއެމްޕީއާރުސީގެ ފައިސާ ހުރީ ކޮންބަޔެއްގެ އަތުގައިކަން ރައީސް ސާލިޙަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.



"މަނިކުފާނުގެ ސަރުކާރުގައި ނޭފަތް ދޮށުގައި މި ހިނގާ ކޮރަޕްޝަންގެ ކަންތައްތަކުގައި އެންމެ ކަމަކަށް ވެސް ނޫނެކޭ ބުނާކަށް ނުކުރުނު، އެންމެ މައްސަލައެއް ވެސް ބަލާކަށް ނުކެރުނު، ކީއްވެތޯ އެމްއެމްޕީއާރުސީގެ މައްސަލައިގައި އެންމެ ބޮޑަށް ހަޑިމުޑުދާރު ވެފައި ހުރިމީހާ ހައްޔަރުކުރުމުގެ ބަދަލުގައި ފޮރުވައިގެން ތި ގެންގުޅެނީ ކީއްވެގެންތޯ؟ ކީއްވެގެންތޯ އިމްތިޔާޒާ ހިމާޔަތާއި އިނާޔަތާއި ރައްކާތެރިކަމުގެ އެގްރިމެންޓް ހަދައިގެން އޭނަ ބަލަހައްޓައިގެން ޗާޕްކުރާ ހެކި އުފައްދާ މެޝިނެއްގެ ގޮތުގައި ބޭނުންތިކުރަނީ ކީއްވެގެންތޯ؟ އެއީ މަނިކުފާނުގެ ފެންވަރު މަނިކުފާނަށް އެނގޭނެ އޭނަ (އަދީބު) ކޮންބަޔަކަށްތޯ ފައިސާ ދިނީ، އެމްއެމްޕީއާރުސީގެ ފައިސާ ހުރީ ކޮންބަޔެއްގެ އަތުގައި ތޯ މަނިކުފާނަށް ރަނގަޅަށް އެނގޭނެ،" ރައީސް ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، އިންތިހާބާ ދިމާކޮށް ސަރުކާރުން، ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. ރިލްވާން މަރާލި މީހުން މި ސަރުކާރަށް ރަނގަޅަށް އެނގޭނެ ކަމަށް ޔާމިން ވިދާޅުވިއެވެ. އެމައްސަލައިގައި ފުލުހުންނަކީ "ގަމާރު، ބީތާ" ބައެއްގެ ގޮތުގައި ރައީސް ޔާމިން ވަނީ ސިފަކުރަށްވާފައެވެ.

ޔާމީން ވަނީ ރިލްވާން ގެއްލުވާލާ މަރާލުމުގައި ބައިވެރިވި މީހުން ރާއްޖެއިން ފުރައިގެން ދިއުމުގައި އެހީތެރިވީ ކޮންބައެއްތޯ ސުވާލު ކުރަށްވާފައެވެ. ޔާމިން ވިދާޅުވި ރިލްވާންގެ މައްސަލައަކީ ފުލުހުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް ކަމަށެެވެ. ރައީސް ޔާމީން ވަނީ ރިލްވާން ގެއްލުނު ދުވަހު އޭނާ އަރުވައިގެން ގެންދިޔަ ކާރު ދުއްވަން އިނީ ކާކުކަން ފުލުހުންނަށް ނޭނގޭތޯ ސުވާލުކުރަށްވާފައެވެ.

ރައީސް ޔާމިން ވިދާޅުވީ ޖަލަށް ލިޔަސް އެމަނިކުފާނުގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަޒުމަކަށްވެސް ބަދަލެއް ނާންނާނެ ކަަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"ޖަލަށް ދާނެ ޖެހިދާނެ. މޯދީ ހިތްހަމަ ނުޖެހެންޏާ މާދަން ނޫން އަނެއް ދުވަހުވެސް ޖަލަށް ދާނަން. އެކަމަކު ރައީސް ޔާމީންގެ އަޑެއް ކަޑުވައެއް ނުލެވޭނެ. ރައީސް ޔާމީންގެ ވިސްނުމަކަށް ބަދަލެއް ނާންނާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށް ފަހު ކާނިވާ ސަރަހައްދުގަައި ޕީޕިއެމުން ބޭއްވި މިޖަލްސާގައި އެޕާޓީއަށް ތާއިދުކުރާ އެތައް ހާސް މީހުން ބައިވެރިވިއެވެ.



ކިޔުންތެރިންގެ ހިޔާލު