މޫސަ އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ ވަގުތު
މޫސަ އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ ވަގުތު
ރާއްޖޭގައި މިހާތަނަށް ސިޔާސީ ޕާޓީއަކުން ބާއްވާނެ އެންމެ ބޮޑު ޖަލްސާ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އެމްޑީޕީން ބާއްވާނެކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ކެމްޕޭން ޓީމުގެ ފަރާތުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ބޮޑު ޖަލްސާއެއް އެމްޑީޕީން ބާއްވާނެ ކަމަށެވެ. އެ ޖަލްސާ ވެގެންދާނީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާނެ އެންމެ ބޮޑު ޖަލްސާއަށްކަމަށް މޫސަ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވާދަވެރިން ހީ ނުކުރާތި އަޅުގަނޑުމެންނަށް ބޮޑު ޖަލްސާއެއް ބާއްވަން ނުކެރޭނެއޭ، ޖެނުއަރީ މަސް ތެރޭގައި ދިވެހިރާއްޖޭގައި އެއް ޖަލްސާ އަކަށް ބޭއްވޭ އެންމެ ބޮޑު ޖަލްސާ އިރާދަކުރެއްވިޔާ އެމްޑީޕީން އަޅުގަނޑުމެން ބާއްވާނަން، ތިބޭފުޅުން ވަޑައިގަންނަވާ ރީނދޫ ހެދުމާއި އަންހެން ބޭފުޅުން ރީނދޫ ބުރުގާ އާއި އަޅުގަނޑު ވެސް އެރޭ ވަރަށް ވަރުގަދައަށް ރީނދޫ ކޮށްލައިގެން ދާނަން ފަޓްލޫނަށް ދަންދެން ރީނދޫކޮށްލާނަން، ދައްކާލާނަން އިރާދަކުރެއްވިޔާ ޖަލްސާ ބާއްވާތަން،" މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސަ ވިދާޅުވިއެވެ.



މީގެ އިތުރުން އެމްޑީޕީގެ ޕްރައިމަރީ ބޮޑު ތަފާތަކުން ރައީސް ޞާލިޙަށް ކާމިޔާބުކޮށްދޭން ބޭނުން ވަނީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދަށް ދައްކަން ނޫން ކަމަށް މޫސަ ވިދާޅުވިއެވެ. މޫސަވަނީ އެމްޑީޕީގެ މެޖޯރިޓީ އޮވެ މަޖިލީހުން ސަރުކާރަށް ޖެއްސުން ކުރަމުންދާތީ އެކަން ހުއްޓާލުމަށް ގޮވާލައްވާފައެެވެ.

"މިއަދު އެހެންތޯ މި ވަނީ. ގޭގައި ޓީވީ ބަލަން އިންނައިރު ލަދުން ބޯހަލާކު ވާވަރުވޭ. އެމްޑީޕީން އެކަން ހުއްޓާލަންޖެހޭ. އަޅުގަނޑު އާދޭހާއެކު މި ދަންނަވަނީ އެކަން ހުއްޓަވާލައްވާ،" މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސަ ވިދާޅުވިއެވެ.



މީގެ އިތުރުން މޫސަ ވިދާޅުވީ ކިތަންމެ ހިޔާލު ތަފާތު ވިޔަސް، މެމްބަރުންގެ މެދުގައި ފިތުނަ އުފެދިގެން ނުވާނެ ކަމަށެވެ. އަދި ހިޔާލު ތަފާތުވާ ކަންކަމުގައި މަޝްވަރާ ކުރެވެން ޖެހޭނެ ކަމަށާއި އަދި ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ވެސް އެންމެންނަށް އޮންނަން ވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު