ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ވެރިކަން ބަދަލުކުރަން ނިކުންނާނެ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބުދު ﷲ ޝަހީމް ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދިނުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސް ސޯލިހުގެ ކެމްޕޭން ޓީމުގެ ފަރާތުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބުދު ﷲ ޝަހީމް ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަން ބަދަލުކުރަން ނިކުންނާނެ ބަޔަކު ރާއްޖޭގައި ނޫޅޭ ކަމަށެވެ.

ރައްޔިތުން ބޭނުންވަނީ އަމިއްލަ ރަށުގައި އާއިލާއާއެކު ތިބެ ހަމަޖެހޭ ދިރިއުޅުމެއް ބިނާކުރާނެ ވެރިއެއް ކަމަށާއި، އެކަން ހާސިލްކޮށްދެމުންދަނިކޮށް ރައީސް ސޯލިހްގެ ވެރިކަން ބަދަލުކުރަން ރައްޔިތުން ުނިކުންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެދިރިއުޅުން ބިނާކުރުމަށްޓަކައި މިއަދުގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެރައްޔިތުންނަށް ފަސޭހަ ކަމާއެކުގައި އެރަށްތަކުގައި ދިރިއުޅެވޭނެ ގޮތް ފަހިކޮށްދެމުންދަނިކޮށް މިއަދު މި ވެެރިކަން ބަދަލު ކުރުމަށް ކޮން ދިވެހި ރައްޔިތެއްތޯ ނިކުންނާނީ؟ ނޫން ނުނިކުންނާނެ. މިއަދު އެއްވެސް ރައްޔިތަކު ނުނިކުންނާނެ. ރައްޔިތުން މިއަދު އެދި ގޮވަނީ މި ރާއްޖޭގެ ރަށްތަކަށް މި ހެއު ބަދަލު ގެނައި އޯގާތެރި ކަމާއެކު ވެެރިކަން ކޮށްދޭނެ ވެެރިއަކު ދެވަނަ ފަހަރަށް މިގައުމަށް ގެންނަން." ވަރަށް ޖޯޝާ ފޯރީގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙުގެ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވަމުން ޝަހީމް ވިދާޅުވީ ކޮވިޑް ހާލަތާއެކު ރާއްޖެއާއި މުޅި ދުނިޔެ ބަނގުރޫޓްވުމާއި ހިސާބަކަށް ދިޔަ ކަމަށެވެ. އެހެން ނަމަވެސް ރައީސް ސާލިޙުގެ ހިކުމަތްތެރިކަމުން ރާއްޖެ އަކީ އެންމެ ފުރަތަމަ ބޯޑަރުތަށް ހުޅުވައި ކޮޅަށްޖެހި ގައުމު ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ރައީސް ސޯލިހްގެ ހިކުމަތްތެރިކަމުން މި ރާއްޖެ އަކީ އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލައި ނަގާ ކޮޅަށްޖެހި ގައުމު، އެއީ އަޅުގަނޑުމެން ބޭނުންވާ ވެރިކަމަކީ. އެފަދަ ވެެރިކަމެއް ކުރާ ވެރިކަން މި ގައުމަށް އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ މިގައުމަށްޓަކައި އެމްޑީޕީގެ ކޮންމެ މެމްބަރަކީ އިންތިހާ އަށް ގުރުބާންވި މީހެއް. މިއަދު އެބޭފުޅުންނަށް އެބޭފުޅުންގެ ރަށްތަކުގައި ތިބެވޭ ކަމީ އެއީ އަޅުގަނޑުމެން މި ގެނައި ބަދަލު. އަޅުގަނޑުމެން ހަގީގަތުގައި އަނިޔާވެރިވެރިކަމުގެ މައްޗަށް ނިކުމެ ވެރިކަން ބަދަލުކުރީ. މިއަދު މި ގެންނަ ތަރައްގީ ހޯދަންވެގެން." ޝަހީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު