ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޝުއަރެންސް ނެގުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޝުއަރެންސް ނެގުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިޢުކުރި ހަބަރަކާއި ގުޅިގެން އެމް.އޭ.ސީ.އެލުން ބުނީ ކުންފުނީގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ އެއްވެސް އުޞޫލަކާ ޚިލާފު އަދި ކޮރަޕްޝަނަށް މަގުފަހިވެދާނެ އެއްވެސް ޢަމަލެއް ކޮށްފައިނުވާނެކަމަށެވެ.

އެމް.އޭ.ސީ.އެލުން ބުނީ އެއަރޕޯޓަށް ބޭނުންވާ އިންޝުއަރެންސްތައް ހޯދުމަށްޓަކާ ކުރިއަށްގެންދިޔަ ބީލަން ހުއްޓާލާ، ހުރިހާ ބިޑްތަކެއް ކެންސަލްކޮށް ޓެންޑަރ ޕްރޮސެސް ބާޠިލުކޮށްފައިވާކަމަށެވެ. އަދި މިގޮތަށް ނިންމީ އެކަމުގެ ތެރެއިން ފާހަގަވި މައްސަލަތަކެއްގެ ސަބަބުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާހަގަކުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށްކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެލްއިން ބުނީ އިންޝުއަރެންސްގެ މުއްދަތު ހަމަވާތީ، ޓެންޑަރަށް ހުޅުވާލުމުގެ ފުރުޞަތު ނެތުމުން، އެ ކުންފުނިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގެ ސަބްސިޑިއަރީ އިންޝުއަރެންސް ކުންފުންޏެއްކަމަށްވާ އެލައިޑް އިންޝުއަރެންސްއަށްކަމަށެވެ. އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިގޮތަށް ނިންމީ، ކުންފުނިން ޢަމަލުކުރާ ޕްރޮކިއުމަންޓް ޕޮލިސީގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ކުންފުންޏަށް އެންމެ ފައިދާހުރި ގޮތްކަމަށްވާތީކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެމް.އޭ.ސީ.އެލުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޝުއަރެންސް ނެގުމުގެ މުޢާމަލާތްތައް ހިންގުމުގައި ކުންފުނީގެ ޕްރޮކިއުމަންޓް ނިޒާމުގެ އެއްވެސް އުޞޫލަކާ ޚިލާފު އަދި ކޮރަޕްޝަނަށް މަގުފަހިވެގެންދާނެ އެއްވެސް ޢަމަލެއް ކޮށްފައިނުވާކަމަށެވެ.

އެމްއޭސީއެލުން ބުނީ ކަމާބެހޭ އިދާރާތަކުން މިކަން ހިނގާފައިވާގޮތް ބެލުމުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު