ރައްޔިތުންނަށް "ފެލާލީ" 2013 އިން ފެށިގެން ކަމަށާއި ފެލާލީ ކޮންބަޔެއްކަން ރައްޔިތުންނަށް އެނގޭ ކަމަށް ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދިނުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސް ސޯލިހުގެ ކެމްޕޭން ޓީމުގެ ފަރާތުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ ރައްޔިތުން "ފެލާލީ" 2013 ވަނަ އަހަރުން ފެށިގެން ކަމަށެވެ.

ރައްޔިތުން ފެލާލި ވާހަކަ ދައްކަނީ އޭރު ރައްޔިތުން ފެލަމުން ގެންދިޔަ މީހުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ރައީސް ސޯލިހްގެ ސަރުކާރަށް އަމާޒުކޮށް "ފެލާލައިފިޔޭ" ކިޔާއިރު ރައީސް ޔާމިންގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން ފެލާލުމަށް ފަހު ޖީބަށް ލީ ފައިސާ މާލޭގެ ހެންވޭރު ކޮޅުން 25 ފްލޯއަށް ނަގާފައި ހުރި އިމާރާތުން ފެންނަން ހުންނާނެކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު އެހެން ވިދާޅުވީ ރާޅުގަނޑު ސަރަހައްދުގައި 25 ބުރިއަށް އިމާރާތް ކުރަމުން ދާ ރައީސް ޔާމީން މިހާރު ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅާއި ގުޅުވައިގެންނެވެ.

”ފެލާލައިފިއޭ، ނޮޅާލައިފިއޭ. ބުނެ ކޮންމެހެން ޖަލްސާތައް ބާއްވަން ހަދާނެކަމެއް ނެތް، ދިވެހިރައްޔިތުންނަށް އެނގޭ ފެލާލީ ކޮންބައެއްކަން، ފެލާލީ 2013 އިން ފެށިގެން، މިއީ އޭރުން ފެށިގެން ފެލަމުން ގެންދިޔަ މީހުން.“ ފެލާލައިފި، މިނަމުގައި އިދިކޮޅު ޕީޕިއެމުން މިރޭ ބާއްވާ ޖަލްސާއަށް އިޝާރަތް ކުރަށްވައި ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ މިއަދު ވެސް ގެއްލުނު ފައިސާއަށް ވީނުވީއެއް ނޭނގިގެން، އެ ހޯދުމަށް މުވައްސަސާތަކަށް ގޮސް ސުވާލު ކުރުން ވެސް ކުރިޔަށް ދާކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްއަށާއި، މަރުކަޒީ ބޭންކަށް ފައިސާއަށް ވީ ގޮތެއް ސާފު ކުރުމަށް އިދިކޮޅު ލީޑަރުން ދާކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ފައިސާތައް ނަގައި، އެ ޖީބަށް ލައި މަންފާ ނެގި ބޭފުޅުންނަކީ އެއަށް ވީނުވީއެއް ނޭނގިގެން ރައީސް ޔާމީންގެ ފަރާތުން އިދާރާތަކަށް ދާބޭފުޅުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރަށު ބަންދުން ރައްޔިތުން ދޫވާން ޖެހޭކަމަށް އެންމެ ބޮޑަށް އަޑުއުފުލި އެމްޑީޕީއަކީ، ރާއްޖޭގެ އެންމެ ދެކުނުން ފެށިގެން އުތުރާއި ހަމައަށް ޓްރާންސްޕޯޓް ލިންކަކުން ގުޅާލައި ދަތުރުފަތުރުގެ ފަސޭހަ މަގެއް ހޯދި ޕާޓީކަމަށެވެ. ރައްޔިތުން ރަށު ބަންދުން ފިލުވާނެ ވެރިއަކީ ރައީސް ސޯލިހް ކަމަށް ޝާހިދު ވިދާޅުވިއެވެ.

”މިހާރު ފެށިގެން އެ ކުރިޔަށް ދަނީ، 2000 ރުފިޔާއިން ފެށިގެން ކުރި ދަތުރު 50 ރުފިޔާއަށް ކުޑަކޮށްލީ.. 20 ރުފިޔާއަށް ކުރި ދަތުރު 05 ރުފިޔާއަށް ކުޑަކޮށްލީ… މުޅި ރާއްޖެ އެކީ އެކައްޗަކަށް ގަތާލެވިގެން އެދަނީ.. އާރުޓީއެލްއިން.. ރަށު ބަންދުން.. އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ރައްޔިތުން މި ފިއްލަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.“ ޝާހިދު ވިދާޅުވިއެވެ.



ރައީސް ސޯލިހްގެ ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ރާއްޖޭގައި ސާފު ބޯފެން ނުލިބޭ އެއްވެސް ރަށެއް ނޯއްނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހި، ޖީލެއް ހަލާކުވަމުން ދާކަމަށް ބުނެ ބަޔަކު ވާހަކަ ދައްކައި އެކަމަށް ހައްލެއް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކޮށް ތިއްބައި ޖީލެއް ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ ރައީސް ސޯލިހުކަމަށެވެ. އެގޮތުން ޒުވާނުންނަކީ އެއީ ފުރުސަތުތައް ބަންދުވެފައި ތިބޭ ބަޔަކަށް ހެދުމުގެ ބަދަލުގައި، އެ ޒުވާނުންނަށް ހިލޭ މަތީ ތައުލީމު ހާސިލު ކުރެވޭނެ ފުރުސަތުތައް ހޯދައިދޭން އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

”ހިލޭ، ގޮސް ވަންނަން ވީ ޔުނިވާސިޓީއަށް، ގޮސް ކަރުދާސްކޮޅު ދައްކާލީމަ، ދައުލަތުގެ ބަޖެޓުން އެ ފައިސާ އެދެނީ، ކުރިން އެ ފައިސާ ހަރަދު ކުރީ ކޮންތާކަށް ތޯ؟ ހެންވޭރުކޮޅުގައި އެހެރީ އެކަމުން ނަގާފައި ހުރި ގެ.“ޝާހިދު ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު