އެމްޑީޕީގެ އެންމެ ބޮޑު ކާމިޔާބީއަކީ ވަކި މީހަކު ވަށައިގެން،ދުވާ ޕާޓީއަކަށް ނުވުންކަމަށް މަޖިލިސް މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށްޓަކައި އެޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ފެށުމުގެ ގޮތުން މިރޭވަނީ ޖަހަގަ ޖަލްސާތައް ފަށާފައެވެ. ގިނަ އަދަދެއްގެ މީހުން ބައިވެރިވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް މިރޭ ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ކާމިޔާބު ސިޔާސީ ޕާޓީ ކަމަށާއި އެމްޑީޕީ މިހާރު ކުރިމަތިލާފައި މިވަނީ ޅަފަތުގެ އުމުރާއި ފުރާވަރުގެ އުމުރުފުރައިންވެސް ނެއްޓި ހަރުދަނާ ނިންމުންތަކެއް ނިންމާ އުމުރަށް ކަމަށެވެ.

އެގޮތުން، އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަޣާވާތަކުން ނިމިގެން ދިޔަފަހުން ޕާޓީގެ މެންބަރުން ގިނައިން އުޅުނީ މަގުމަތީގައި ކަމަށާއި އަބަދުވެސް ތިބެންޖެހިފައި އޮތީ ބިރުވެރި ކަމެއްގެ ތެރޭގައިކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ތާ އަބަދު މުޒާހަރާކުރަން މަގުމަތީ ނުތިބެވޭނެ ކަމަށާއި އެހެންކަމުން، ލިބިފައިވާ ވެރިކަން ދަމަހައްޓަން ޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީން މިދަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ގަދަފަދަ ނިންމުންތަކެއް ނިންމަމުން ކަމަށެވެ.

އަދި އެމްޑީޕީގެ އެންމެ ބޮޑު ކާމިޔާބީއަކީ ވަކި މީހަކު ފަހަތުން ދުވާ ޕާޓީއަކަށް ނުވުންކަމަށާއި އެނޫން ބައެއް އެހެން ޕާޓީތައް އެގޮތަށް އުޅެންޖެހުމުން ކުރިއަށް ނުގޮސްފައި އެބަތިބި ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ ވާހަކައިގައި ސަރުކާރާއި ރައީސް ޞާލިޙްގެ ސިޔާސަތުތަކަށް ވެސްވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން ވިދާޅުވީ، މި ސަރުކާރުން ހަމަ އެއްކަމެއް ވެސް ރައްޔިތުންނަށް ދެރަވާނެ ގޮތަށް ނިންމާފައި ނެތްކަމަށެވެ. އަދި ރައީސް ޞާލިޙްގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ބަޔަކު ބާކީނުކޮށް ހިދުމަތްތައް ދިނުން ކަމަށާއި ރައީސް ޞާލިޙް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ޕާޓީގެ ސިޔާސަތުތައް ހަގީގަތަކަށް ހެއްދެވުމަށް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވާދަކުރައްވާ އެޕާޓީގެ ރައީސް ނަޝީދު މިރޭ ވަނީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ތާއީދު ފޯމް ހުށަހަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު