ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ގެނައުމަށް ކުރާ މަސައްކަތް ހުއްޓާލާނީ އެ މަސައްކަތް ކާމިޔާބު ކޮށްފައި ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށްޓަކައި އެޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ފެށުމުގެ ގޮތުން މިރޭވަނީ ޖަހަގަ ޖަލްސާތައް ފަށާފައެވެ. ގިނަ އަދަދެއްގެ މީހުން ބައިވެރިވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ބޭނުންވަނީ ރާއްޖޭގައި ހަމަޖެހުން އޮންނަން ކަމަށާއި ބޭނުންވަނީ ރާއްޖޭގައި ގާނޫނަށް އިހުތިރާމުކުރާ ވެރިއަކު ހުރުމަށް ކަމަށެވެ. އަދި ބޭނުންވަނީ އެކި ހިޔާލުތަކުގެ މީހުންނަށް ވެސް ޖާގަ އޮންނަ ވެރިކަމެއް ރާއްޖޭގައި އޮންނަންކަމަށް ޝާހިދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހިސޯރުކުރާ، މަޖިލީހުގެ ފާރުމަތިން މަޖިލީހުގެ މެންބަރުން އުކާލާ، އަދި ސްޕްރީމް ކޯޓުން ޓިނު ނަގައިގެން އެތަނުގައި ތިއްބެވި ފަނޑިޔާރުން ޖަލުގޮޅިއަށް ގެންގޮސްލާނެ ފަދަ ވެރިކަމެއް ބޭނުން ނުވާކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެތްތެރި ކުޅަދާނަ ވެރިކަން ބާއްވަން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ނިންމާނީ އަނެއްކާވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނަގާ ވެރިކަމުގައި ބައިންދާފައި. އަޅުގަނޑުމެން މިކަން ގެންދާނީ ބާރަށް ކުރިއަށް." ވަރަށް ޖޯޝުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މި މަސައްކަތް ނިންމާނީ އެމްޑީޕީގެ ވެރިކަން އެތައް ޒަމާނަކަށް ބާއްވައިދީފައި ކަމަށެވެ.

މިރޭގެ ޖަލްސާގައި ޝާހިދުގެ އިތުރުން ދެން ވާހަކަ ދެއްކެވި ބޭފުޅުންވެސް ވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަ ދައްކަވާފައެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭން ރައީސް ޞާލިޙް ކުލަ ގަދަކޮށް ފައްޓަވާފައިވާއިރު، ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުން ވެސް ގެންދަވަނީ ތާއީދު ފޯމް ފުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެކަމުގައި އުޅޭތަން ފެންނަނީ މަދުބައެކެވެ.



ކިޔުންތެރިންގެ ހިޔާލު