އަހުމަދު މަސްނޫމް   22 ޑިސެމްބަރު 2022 - 20:23
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ އަޑުއެހުމެއް އަންނަ ޖަނަވަރީ 3 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

މިމައްސަލައިގައި އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 6 ޑިސެމްބަރު 2021 ގައެވެ. ދާދިފަހުން ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަހުމަދު ޝަކީލް ވަނީ އެމައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ.



އިސް ޤާޟީ އަހުމަދު ޝަކީލް މައްސަލައިން ތަނާޒުލްވެވަޑައިގަތުމުން އެމައްސަލަ މިހާރު ހަވާލުކުރަށްވާފައިވަނީ އެ ކޯޓުގެ ޤާޟީ އަލީ ނަދީމާއެވެ.

އަންނަ ޖަނަވަރީ 3 ވަނަ ދުވަހު ބާއްވާ އަޑުއެހުމަކީ އިބްތިދާއީ އަޑުއެހުމެކެވެ. އެ އަޑުއެހުން ބާއްވަނީ މައްސަލައިގެ ޤާޟީ ބަދަލުވެފައިވާކަން އެންގުމާއެކު މައްސަލައިގެ ބައެއް ކަންކަން އޮޅުންފިލުއްވުމަށެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިންކާރު ކުރަށްވާފައެވެ. އަދި ދެފަރާތުންވެސް މިހާރު ވަނީ މައްސަލާގައި ހެކި ހުށައަޅައިފައެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ތާވަލްކޮށްފައިވާއިރު އާރަށު މައްސަލައިގައި ރައީސް ޔާމިނަށް ހުކުމްކުރުން އަންނަ އާދީއްތަ ދުވަހަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު