އަހުމަދު މަސްނޫމް   22 ޑިސެމްބަރު 2022 - 19:27
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރެއްވި އެމްޑީޕީގެ މެމްބަރު ސަފާތު އަހުމަދު ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރަން ނިންމައިފިއެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ސަފާތު އަހުމަދު މިއަދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް ތާއިދުކުރާނީ ޑިމޮކްރަސީއަށް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ އެކަމުގެ އަލިގަދަ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަދި 2023 އަށް އާރޫޙެއްގައި ކާމިޔާބުކުރުމަށް އަޅުގަނޑު ތާއިދު ކުރަނީ ރައީސް ސޯލިޙަށް، އެމްޑީޕީއާއެކު ޑިމްކޮރަސީ ކުރިއަރުވަން އަބަދުވެސް ދެމިހުންނާނަން." ފޮރިން މިނިސްޓްރީގެ ޑައިރެކްޓަ ކޮމިއުނިކޭޝަންސްގެ މަގާމުގައި ހުންނެވި ޝަފާތު ވިދާޅުވިއެވެ.



ޝަފާތަކީ ވުމަން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ ފައުންޑަރު އަދި ރައީސެވެ. އޭނާ ވަނީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމައި ފައިނޭންޝިއަލް އެނަލިސްޓް އަދި ބިޒްނަސް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

ސަފާތަކީ އަންހެނުންގެ ހައްގުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެެވެ. ނިމިދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސް ކަމުގެ މަގާމަށް ވެސް ސަފާތު ވާދަކުރެއްވިއެވެ. އަައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ވާދަކުރަށްވައި ސަފާތު ވަނީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހްގެ އިތުރުން ރައީސް ނަޝީދު ވެސް ވާދަކުރަށްވަން ނިންމަވައި ދެ ބޭފުޅުން ވެސް މިހާރު ވަނީ ކެމްޕޭން ފައްޓަވާފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ގައެވެ.



ކިޔުންތެރިންގެ ހިޔާލު