ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދު ކުރަން ނިންމައިފިއެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް، މޯޑަކީ ކުރިން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި މަސައްކަތް ކުރެއްވި ބޭފުޅެކެެވެ. އެގޮތުން ރައީސް ނަޝީދު އިސްވެ ފެއްޓެވި ބަރުލަމާނީ ނިޒާމް ކެމްޕޭންގައި މެމްބަރު މޯޑް އިސްކޮށް ހަރަކާތްތެރިވިކަން ފާހަގަކުރެވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލާފައިވާއިރު ވެލިދޫ ދާއިރާގެ މެންބަރު މިއަދު ވަނީ އެ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއިދު ކުރަން ނިންމަވާފައެވެ.



ޕްރައިމަރީގައި ރައީސް ސޯލިހްގެ އިތުރުން ރައީސް ނަޝީދު ވެސް ވާދަކުރަށްވަން ނިންމަވައި ދެ ބޭފުޅުން ވެސް މިހާރު ވަނީ ކެމްޕޭން ފައްޓަވާފައެވެ. ރައީސް ނަޝީދާއިއެކު ކުރިން މަސައްކަތް ކުރެއްވި މެމްބަރު ޝަފީގު މިއަދު ވަނީ ވެލިދޫ ދާއިރާއިން ހޯދާފައިވާ ތާއީދު ފޯމުތައް ރައީސް ސޯލިހްގެ ކެމްޕެއިން މެނޭޖަރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާ ހަވާލުކޮށްފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހާއި ހަމަޔަށް ވަނީ ހުޅުވާލާފައެވެ. އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ބޭފުޅުން އެކަމަށް އެދި ހުށައަޅަންޖެހެނީ އެބޭފުޅަކަށް ތާއީދުކުރާ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދު ފޯމާއެކުއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ގަ އެވެ.



ކިޔުންތެރިންގެ ހިޔާލު