ގެއްލުވާލާފައިވާ އަދި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާފައިވާ ރިޕޯޓްގައި ހުށަހަޅާފައިވާ ހުށަހެޅުންތައް އާއްމު ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އަޙްމަދު ރިޟްވާން ޢަބްދުاللهގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ރައީސް އޮފީޙުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ މަރު ކޮމިޝަނުން ރައީސަށް އެރުވި ހުށަހެޅުންތަކާއި ގުޅިގެން އެޓާނީ ޖެނެރަލް އޮފީހާއި ބައްދަލުކޮށް މަޝްވަރާތައް ފަށާފައިވާކަމަށެވެ.

މިއުވާން މުހައްމަދު ވިދާޅުވީ އެ މައްސަލައަކީ ގައުމީ ސަލާމަތާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމެނޭ މައްސަލައަކަށް ވާތީ އެ ރިޕޯޓުގައި ހިމަނާފައިވާ ރިކޮމެންޑޭޝަންތައް ނުވަތަ ހުށަހެޅުންތައް އާންމު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، ގާތުން ބައްލަވާ މައްސަލައެއްކަން ފާހަގަކުރައްވާ މިއުވާން ވަނީ މިހާރުވެސް އެ ރެކޮމެންޑޭޝަންތަކާ ގުޅިގެން އޭޖީ އޮފީހާއެކު މަޝްވަރާތައް ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.

މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައިވަނީ އޯގަސްޓް 7، 2014 ގައެވެ.

އެމައްސަލަ ތަހުގީގުކުރުމަށް ރައީސް ސާލިޙު އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓް ރައީސަށް އަރުވާފައިވާއިރު އެ ރިޕޯޓާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ، ރިލްވާން ރަހީނުކޮށް މަރާލުމުގައި ބައިވެރިވި މީހަކު ކުރީގެ ރައީސް، ރައީސް އަބުދުﷲ ޔާމީނާއި ބައްދަލު ކުރި ކަމަށެވެ. އެގޮތުން އެމައްސަލައިގައި ތުހުމަތުކުރެވޭ ތ. އޮމަދޫ ނަރުގިސްވިލާ މުހައްމަދު މުނާޒު ސީރިޔާއަށް ފުރުމުގެ ކުރިން ރައީސް ޔާމިނާއި ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭގޮތަށް އަހުމަދު ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރިގޮތް ރައީސް ޔާމިނަށް ކިޔައިދީފައިވާކަމަށެވެ.

"އަދި މުހައްމަދު މުނާޒު ސީރިޔާއަށް ފުރައިގެން ގޮސްފައިވަނީ އޭރުގެ ރައީސުލްޖުމުހޫރިއްޔާގެ އެހީތެރިކަމާއެކުގައި ކަމަށް ތަހުގީގަށް އެނގިފައިވޭ،" މިސްބާހް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ ރިލްވާން އަރުވައިގެން ގެންދިޔަ ރަތް ކާރަކީ އާލިފް ރައޫފްގެ ކާރެއް ކަމަށެވެ. މާލޭގައި ދުއްވާ އެ ކާރު ހުޅުމާލެ ގެންގޮސްފައިވަނީ ރިލްވާން ރަހީނު ކުރުމުގެ ބޭނުމުގައި ކަމަށް ފަރީޝާ ވިދާޅުވިއެވެ.

ރިލްވާން ކަރުބުރިކޮށް މަރާލުމުގައި ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށް ފަރީޝާ ވިދާޅުވިއެވެ. ފަރީޝާ ވިދާޅުވީ ރިލްވާން ރަހީނުކޮށް ޑިންގީއަކަށް އަރުވައިގެން ގެންްދިޔައީ ކަންނެލި ދޯއްޏަކަށް ކަމަށެވެ. އަދި އެދޯނީގައި އޭނާ މަރާލުމަށް ފަހު ހަށިގަނޑު އެ މީހުން ކަނޑުފައްތާފައިވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.

"ރިލްވާން ރަހީނު ކުރުމަށްފަހު، ޑިންގީއަކަށް އަރުވައިގެން ގެންގޮސްފައިވަނީ ކަންނެލި ދޯންޏަކަށް، ދޯންޏަށް އެރުވުމަށް ފަހު ކަނޑުމައްޗަށް ދިޔަ ކަމަށް ބެލެވޭ، އޭގެ ފަހުން އޭނާއަށް ކަލިމަ ލައިދީ ކަރުބުރިކޮށް މަރާލާފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ދީފައިވޭ،" ފަރީޝާ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު