ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ހޮޓެލް ޗެއިނުން ހިންގާ ރަށެއް
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ހޮޓެލް ޗެއިނުން ހިންގާ ރަށެއް
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ހުރިހާ ރިސޯޓެއް ތިން މަސްދުވަހަށް ބަންދުކުރަން ނިންމައިފި އެވެ. މިކަން ހާމަކޮށްފައިވަނީ މި ރިސޯޓްތަކުން ނެރެފައިވާ ބަޔާނެއްގައެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ރާއްޖޭގައި އަށް ރިސޯޓް ހިންގަ އެވެ. އެއީ ޅ. އަތޮޅުގައި ހިންގާ ހުރަވަޅި މޯލްޑިވްސް އާއި އިންނަހުރާ މޯލްޑިވްސް އާއި ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ކޮމަންޑޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އަައިލެންޑް، އއ. އަތޮޅުގައި ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާ، އދ. އަތޮޅުގައި ހިންގާ ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގެ އިތުރުން، މާލެ އަތޮޅުގައި ހިންގާ މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާ އެވެ. މީގެ އިތުރުން، މާލޭގައި ހުންނަ ޗަމްޕާ ސެންޓްރަލް ހޮޓާ ވެސް ހިންގަނީ އެ ކުންފުނިންނެވެ.

މި ރިސޯޓުތަކުން ނެރެފައިވާ ބަޔާންތަކުގައިވާ ގޮތުން، ވެލިގަނޑު، ވިލަމެންދޫ އަދި މީރު ބަންދުކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖޫން 30 ގެ ނިޔަލަށެވެ. ކުރެއްދޫ، ކޮމަންޑޫ، ހުރަވަޅި، އިންނަހުރާ އަދި ކުޑަދޫ ބަންދުކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 އިން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ރިސޯޓްތައް ބަންދު ކުރުމަށް ނިންމި ނަމަވެސް އެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ޗަމްޕާ ގެ ވިޔަފާރީގައި ހިމެނޭ ނުވަތަ ހިއްސާވާ ރިސޯޓުތައް ބަންދުކުރަން ނިންމާފައިވާއިރު، މީގެކުރިން ވަނީ ޔުނިވަރސަލްގެ ރިސޯޓްތައްވެސް ބަންދު ކުރަން ނިންމާފައިވާކަން އެކުންފުނިން އިޢުލާން ކޮށްފައެވެ. އަދި ވިލާ ގްރޫޕްގެ އެއް ރިސޯޓް ފިޔަވާ އެހެން ރިސޯޓްތައް ވަނީ ބަންދު ކޮށްފައެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓުތަކެއް ވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި، ރ. އަތޮޅުގައި ހިންގާ ޔޫ އެންޑް މީ އާއި ލ. އަތޮޅުގައި ހިންގާ ރަހާ ރިސޯޓާއި ދ. އަތޮޅުގައި ހިންގާ ރިއު ހޮޓެލްސްގެ ދެ ރިސޯޓާއި ދ. އަތޮޅުގައި ހިންގާ ކޯމޯ މާލިފުއްޓާއި ގއ. ކޫއްޑޫގައި ހިންގާ މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓުގެ އިތުރުން، ގއ. ގައި ހިންގާ ރޮބިންސަން ކްލަބް މޯލްޑިވްސް އަދި ނ. ގައި ހިންގާ ރޮބިންސަން ކްލަބް ނޫނު ހިމެނެ އެވެ.

މީގެ އިތުރުން، ދ. އަތޮޅުގައި ހިންގާ ކަނޑިންމަ މޯލްޑިވްސް، ބ. އަތޮޅުގައި ހިންގާ އަމިއްލަ ފުށި އަދި ނޯޓިލަސް މޯލްޑިވްސްއާއި ކ. އަތޮޅުގައި ހިންގާ ހުވަފެންފުށި މޯލްޑިވްސް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަންދުކުރަން ވަނީ ނިންމާފަ އެވެ.

ކޯވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސް، ރާއްޖޭގެ އިޤްތިޞާދަށް ވެސް ވަރަށް ބޮޑު ހީނަރުކަމެއް ވަނީ އައިސްފަ އެވެ. ޚާއްޞަކޮށް، ރާއްޖޭގެ އެންމެ ބޮޑު ޓޫރިސްޓް މާކެޓް ކަމަށްވާ ޗައިނާ އަދި ދުވަސްވީ މާކެޓްތައް ކަމަށްވާ ދެކުނު ކޮރެއާ، އިޓަލީ، ފްރާންސް، ޖަރުމަނު އަދި އިނގިރޭސި ވިލާތުން އަންނަ ފްލައިޓްތަކާއި ޓޫރިސްޓުން ރާއްޖެ އައުން މަނާކުރުމާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ރާއްޖެ އިން ފެނިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅު ވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން