ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ, އެންސްޕާގެ ކުރީގެ ސީއީއޯ އަދި މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖްތަބާ ޖަލީލުގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިިފިއެވެ.

އޭސީސީން ބުނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ, އެންސްޕާގެ ބޭނުމަށް ​​ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގގެ މަސައްކަތް އުޞޫލުތަކާއި ޚިލާފަށް އަމިއްލަ ފަރާތަކާ ހަވާލުކުރި މައްސަލާގައި އެންސްޕާގެ ކުރީގެ ސީއީއޯ މުޖްތަބާ ޖަލީލުގެ މައްޗަށް ދަޢުވާކުރުމާއިމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދި އެ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.

2015 ވަނަ އަހަރު އެންސްޕާގެ ބޭނުމަށް ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކުރުމުގެ ހުއްދައަށް އެދި އެންސްޕާގެ އޭރުގެ ސީ.އީ.އޯ މުޖްތަބާ ޖަލީލު ސޮއިކޮށް، އެންސްޕާއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއާއެކު އެ މިނިސްޓްރީއަށް ފޮނުވާފައިވާ ކޯޓޭޝަންތަކަކީ އެއް ވިޔަފާރި އަނެއް ވިޔަފާރިއާ ގުޅުން އޮންނަ އަދި މުޖްތަބާ ޖަލީލާވެސް ގުޅުން އޮންނަ ވިޔަފާރިތަކުން ހުށައަޅާފައިވާ ކޯޓޭޝަންތަކެއްކަން ތަހުޤީގަށް އެނގިފައިވާކަމަށް އޭސީސީން ބުނެއެވެ.

މި މައްސަލައިގައި މުޖްތަބާ ޖަލީލުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.



ކިޔުންތެރިންގެ ހިޔާލު