އަހުމަދު މަސްނޫމް   22 ޑިސެމްބަރު 2022 - 10:17
ސިނަމާލެ ބްރިޖު ހައިވޭގައި ސޯލާ ހަރުކުރުމުގެ މަސައްކަތަށް ބްރިޖުގެ ލޭނެއް ބައެއް ވަގުތުތަކަށް ބަންދުކުރަން ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ލޭން ބަންދުކުރަނީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ތައިލޭންޑުގެ އެންސިސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ހުޅުމާލޭގައި 5.6 މެގަވޮޓުގެ ސޯލާރ ހަކަތައިގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނިގެންކަމަށެވެ.

އެގޮތުން މާލެ-ހުޅުމާލެ ލިންކް ރޯޑުގެ މޫދާވީ ފަޅީގެ ސްޓްރަކްޗަރ ހަރުކުރުމުގެ މަސައްކަތްކުރުމަށް ލިންކް ރޯޑުގެ ހުޅުމާލެއިން މާލެ ދަތުރުކުރާ މަގުގެ އެއް ލޭނު ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ބަންދުކުރާގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މިގޮތުން ބަންދުކުރަން ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު ހެނދުނު: 09:30 އިން 11:30 އަށް އަދި މެންދުރު: 13:30 އިން 04:30 އަށެވެ.

މިމަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 25 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުއެވެ. އަދި މަސައްކަތް ނިންމާލެވޭނެކަމަށް އަންދާޒާކުރެވެނީ 5 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުއެވެ.

މަގު ބަންދުކުރުމުގެ ތަރުތީބު އަދި ގަޑިތަށް ކަނޑައެޅިފައިވަނީ ކަމާއިގުޅޭ އެއްމެހައި ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރުމަށް ފަހުއެވެ. އަދި މި ގަޑިތަކުގައި ލިންކް ރޯޑްގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުކަންދިނުމަށް މިކަމާއި ގުޅޭ އެއްމެހައި އިދާރާތަކުން އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު