ދައުލަތަށް މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ އަންދާޒާއަށްވުރެ އިތުރުކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާުބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އަކީ 25.4 ބިލިއަން ރުފިޔާއެވެ. މިއީ މި އަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކުރި 24.2 ބިލިއަން ނުވަތަ ޖުމްލަ އާމްދަނީއަށް ވުރެ 4.9 އިންސައްތަ އިތުރު އަދަދެކެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 25.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ 18.1 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނޭ 7.1 ބިލިއަން ރުފިޔާއާއި، އެހީގެ ގޮތުގައި ލިބިފައިވާ 328 މިލިއަން ރުފިޔާއެވެ.

ދައުލަތުގެ ހަރަދަށް ބަލާއިރު، 36.1 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިއީ މިއަހަރު ހަރަދުވާނެކަމަށް ލަފާކުރި 39.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މަދު އަދަދެކެވެ. ހަރަދުވި 36.1 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދަށް 26.3 ބިލިއަން ރުފިޔާއާއި، ކެޕިޓަލް ހަރަދަށް 9.8 ބިލިއަން ރުފިޔާއެވެ.

ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. އެއީ 8.9 ބިލިއަން ރުފިޔާއެވެ. އިމްޕޯޓް ޑިއުޓީން 3.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކުހުން 908 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެކިި އެކި ފީ ތަކުގެ ގޮތުގައި ލިބުުނު އާމްދަނީއެވެ. އެއީ 2.8 ބިލިއަން ރުފިޔާއެވެ.

2020 ވަނަ އަަހަރު ރާއްޖޭގެ އިޤްތިޞާދު އަޑިއަޅާލުމަށްފަހު ކޯވިޑްގެ ކުރިން ހުރި ހިސާބަށް އިޤްތިޞާދު އިއާދަވަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރު އަދި އަންނަ އަހަރު އިޤްތިޞާދީ ދުވެލިވެސް ހަލުވިވާނެކަމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު