ބައިނަލްއަގްވާމީ ފޯރަމްތަކުގައި އެމަނިކުފާނުގެ ދައުރު އޮޅުވައިނުލައްވާނެ ކަމަށް ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ އިންޑިއާ ކަނޑުގެ 19 ގައުމަކާއެކު ޗައިނާއިން ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތީ ރާއްޖެ ތަމްސީލް ކުރުމަށް ކަމަށް ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެންނެވެެ. ދިވެހި ސަރުކާރުން ވަނީ އެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިނުވާ ކަމަށް ބުނެފައެވެ.

މި ބައްދަލުވުމާއި ގުޅިގެން ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެބައްދަލުވުމުގެ ދައުވަތު ލިބިވަޑައިގަތީ އެމަނިކުފާނުގެ އަމިއްލަފުޅު ހައިސިއްޔަތުން ބައިނަލްއަގްވާމީ ތަރައްގީއާއި ޕަބްލިކް ޕޮލިސީ ދާއިރާއިން ދެކުނު އޭޝިޔާގެ އިލްމުވެރި ތަޖުރިބާކާރު ބޭފުޅަކަށް ވާތީ ކަމަށެވެ. އެމަނިކުފާނަކީ ސްޓެންފޯޑް ޔުނިވާސިޓީން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރައްވާ، އިންސާނިއްޔަތު ކުރިއެރުއްވުމަށް ގިނަ އަހަރުތަކެއް ހޭދަ ކުރައްވާފައިވާ ބޭފުޅެއް ކަަމަށްވެސް ބަޔާނުގައިވެއެވެ.

ޗައިނާގެ ބައްދަލުވުމުގައި ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައި ޑރ. ވަހީދު ދެއްވި ތަގުރީރުގައި ޗައިނާ ސަރުކާރުގެ މުހިއްމު އިސްނެންގެވުންތަކަށް ތަހުނިޔާ ވިދާޅުވެ، ދެމެހެއްޓެނިވި ނޫ އިގްތިސާދެއް ތަންފީޒުކޮށް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ރައީސް ވަހީދަކީ އދ އާއެކު ބައިނަލްއަގްވާމީ ތަރައްގީގެ ދާއިރާއިން އެއްބާރުލުން ދިނުމުގައި 16 އަހަރު މަސައްކަތް ކުރެއްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ނާޒުކު އާބާދީތަކުގެ އެތައް މިލިއަން އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދީންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާ ބޭފުޅެއް ކަމަށް ބަޔާނުގައިވެއެވެ. އަދި ރައީސް ވަހީދަކީ މިހާރުވެސް ސިންގަޕޫރުގެ ނެޝަނަލް ޔުނިވާސިޓީގެ ޑިސްޓިންގްވިޝްޑް ފެލޯއެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް ޑރ. ވަހީދު އަބަދުވެސް މަސައްކަތް ކުރައްވާނީ ދިވެހި ރައްޔިތުން ތަމްސީލުކޮށް، ރައްޔިތުންގެ މަސްލަހަތަށް ވަކާލާތުކޮށް، ދިވެހި ރައްޔިތުންނާއި ގައުމު ދިފާއުކުރުމަށް ކަމަށެެވެ.

"ބައިނަލްއަގްވާމީ އެއްވެސް ފޯރަމެއްގައި އެމަނިކުފާނުގެ ދައުރު މިހާތަނަށްވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް އޮޅުވައިނުލައްވާނެ އެވެ،" ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޗައިނާ ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ހުރިހާ ގައުމުތަކާއެކު ވެސް ގާތް ގުޅުމެއް ދެމެހެއްޓުމަކީ ރާއްޖެއަށް ފައިދާ ހުރި ގޮތް ކަމަށެވެ. ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ކޮށްދޭ ކަންކަން ރައްޔިތުން ބަލައިގަންނަ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު