އިބްރާހިމް ފަހީމް   28 ނޮވެމްބަރު 2022 - 16:53
މ. މުލި، ހދ. ފިނޭ އަދި ރ. ރަސްމާދޫގައި ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތައް އެމްޓީސީސީއާއި ހަވާލު ކޮށްފިއެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ، މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން މ. މުލީގައި ސަރުކާރުން ތަރައްގީކުރާ ބަނދަރަކީ 65 މިލިއަން ރުފިޔާއަށް 550 ދުވަސް ތެރޭ ނިންމާ ގޮތަށް ހަވާލު ކުރި މަޝްރޫއުއެކެވެ.

ފިނޭގެ ބަނދަރު 450 ދުވަސްތެރޭ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު އެމްޓީސީސީ އާއި ހަވާލު ކޮށްފައި ވާއިރު، މި މަޝްރޫއަކީ، 42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 41،332،31 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، 5،848.05 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ތިންވަނައަށް ހަވާލުކުރީ ރަސްމާދޫގެ ދެކުނު ފަރާތުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ހަވާލުކުރީ 17 މިލިއަން ރުފިޔާއަށް 210 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

މި އެއްބަސްވުންތަކުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.



ކިޔުންތެރިންގެ ހިޔާލު