ފިހާރަތަކުން ވިޔަފާރި ކުރުމުން ދޭ ޕްލާސްޓިކު ކޮތަޅުން ދެ ރުފިޔާ ނަގާގޮތަށް ކުނި މެނޭޖު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލުގައި ބުނެފައިވަނީ، ބިލު ފާސްވެ ގާނޫނަކަށް ބަދަލުވެ، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުން ފެށިގެން ސިންގަލްޔޫސް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގޭނެ ކަމަށެވެ. އަދި އެފަދައިން ނަގާ ފީ ކަސްޓަމަރަށް ދޫކުރާ ފީގެ އަދަދު އެނގޭނެހެން ހިމަނަން ވާނެކަމަށް ބިލުގައި ބުނެފައިވެއެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު މަޖިލީހަށް ހުށަހެޅުއްވި މި ބިލު މިއަދުގެ ޖަލްސާގައި ފާސް ކޮށްފައިވަނީ 54 މެމްބަރުންގެ ވޯޓުންނެވެ.

ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ނިންމި ނަމަވެސް، ބައެއް ހާލަތްތަކުގައި އެ ފީ އިސްތިސްނާވާނެ ކަމަށް ބިލުގައި ވެއެވެ. އެގޮތުން، ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި ކުނީގެ ހިދުމަތްދޭ ތަންތަނުން ވިއްކާ ކަޅު ކޮތަޅު އިސްތިސްނާ ވާނެކަމަށް ބިލުގައި ވެއެވެ.

މީގެ އިތުރުން، އެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަކާއި ހިލާފުވާ ފަރާތްތަކުން ކުރާ ޖޫރިމަނާ ދައްކަން ޖެހެނީ "މޯލްޑިވްސް ގްރީން ފަންޑް" އަށް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު