އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށައެޅީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ދުސްތޫރީ މައްސަލައެއް ސްޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް ބަޖެޓް ކޮމެޓީން އެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކުރުމުން 42.8 ބިިލިޔަން ރުފިޔާއަށް ބަޖެޓް މިހާރު ވަނީ ބޮޑުވެފަައެވެ.

އެ ބަޖެޓް ހުށައެޅީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ދުސްތޫރީ މައްސަލަައެއް ސްޕްރީމް ކޯޓަށް ހުށަައެޅީ ގާނޫނީ ވަކީލު އައްސަދު ޝަރީފާއި ގާނޫނީ ވަކީލް އިބްރާހިމް ރަމީޒެެވެ. ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓް ހުށައަޅާފައިވަނީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ނ. އާއި މާލިއްޔަތު ގާނޫނާ ގަވާއިދާ ޚިލާފަށް ކަމަށެެވެ.

އެމައްސަލަ ހުށައެޅުއްވުމަށްފަހު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ގާނޫނީ ވަކީލު އައްސަދު ޝަރީފު ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައެޅީ ގާނޫނޫ އަސާސީ އާއި މާލިއްޔަތު ގާނޫނާ ޚިލާފަށް ކަމަށެެވެ. ބަޖެޓާއި ގުޅިގެން ކަންބޮޑުވުންތަށް ފާޅުކުރަށްވައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބަޖެޓް ދިރާސާ ކުރި ކޮމެޓީއަށް އެކަން ހުށައެޅުއްވި ކަމަށް އައްސަދު ވިދާޅުވިއެވެ. އައްސަދު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށައަޅަންޖެހެނީ ދުރާލައި ބޭނުންވާ ކަންކަން ކުރުމަށްޓަކައި ކަމަށެވެ. އެކަމަަކަށް ޚަރަދުކުރަން ކަނޑައެޅިފައިވާ ކަަމަކަށް ނޫނީ ޚަރަދުކުރުމަކީ ގާނޫނޫން މަނާކުރާކަމެއް ކަމަށް އައްސަދު ވިދާޅުވިއެެވެ.

"ސަޕްލިމެންޓްރީ ބަޖެޓެއް ހުށަނާޅައި 2023ގެ ބަޖެޓް ފާސްކުރަން ހުށައެޅިއިރު 2023ގައި ޚަރަދުކޮށްފައި ހުރި ކަންތައްތަކެއް މީގެ ތެރެއަށް ވައްދައިގެން ދަށްދަށުން ފާސްކޮށްލަން ކުރާ މަސައްކަތް މިއީ މިހާ ސާފުކޮށް އޮތް މައްސަލައެއްގައި އަޅުގަނޑުމެންގެ ކަންބޮޑުވުން މިއޮތީ." އައްސަދު ވިދާޅުވިއެވެ.

ބަޖެޓާމެދު ކަންބޮޑުވުން ފާޅުކުރަށްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މައްސަލައަކީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއެކު މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓަށް ބޭނުންވާނެ ފައިސާ ހިމެނުން ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއެކު މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ދަޢުލަތުގެ މާލީ ވުޒާރާއިން ވަނީ މަޖިލީހަށް ހުށައަޅާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެއީ ގާނޫނުތަކުގައި އެކަން ކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ހިލާފު ހުށައެޅުމެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި އަހަރަށް މަޖިލީހުން ފާސްކުރި 34.9 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ހަރަދުވީ 31.9 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މިހާތަނަށް ބަޖެޓުގައި ނެތް ފައިސާއެއް ޚަރަދުކޮށްފައި ނެތްކަމަށް މާލީ ވުޒާރާއިން ބުނެއެވެ. އޭގެ އިތުރުން މިދިޔަ އަހަރުވެސް މަޖިލީހުގެ ލަފާގެމަތިން 2022 ގެ ބަޖެޓާއެކީ 2021 ގެ ބަޖެޓް ރިވައިސް ކުރި ކަމަށް މާލީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މިމައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންކަން ނުވަތަ ނޫންކަންވެސް އަދި ސާފެއް ނުވެއެވެ. އަންނަ އަހަރުގެ ބަޖެޓް ފާސްކުރަން މާދަމާގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު