ސައިބަރސްޕޭސްގައި ހިންގާ ހުއްދަނޫން އަމަލުތައް އެއީ ކުށް ކަމުގައި ކަނޑައެޅުމަށާއި އެކުށްތަކާގުޅޭ އިޖުރާއީ އުސޫލުތައް ކަނޑައެޅުމަށް 3 ގާނޫނަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ބުނީ، ސައިބަރސްޕޭސްގައި ހިންގާ ހުއްދަނޫން އަމަލުތައް ކުށަށް ހެދުމަށް އިސްލާހު ގެންނަ ތިން ގާނޫނަކީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނު އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނު ކަމަށެވެ.

އޭގެތެރޭން، ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ގެންނަ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި؛



- ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން

- އިތުރު ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން

- ހުއްދަނެތި ކޮމްޕިއުޓަރ ޑާޓާ އިންޓަރސެޕްޓް ކުރުމާއި އިންޓަރފިއަރ ކުރުން، ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަރފިއަރކުރުން

- ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން

- ސައިބަރވަޔަލެންސްގެ އަމަލުތައް

- ކޮމްޕިއުޓަރާއި ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް

- ކޮޕީރައިޓާއި ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ހިމެނެއެވެ.

މީގެ އިތުރުން ދެން އިސްލާހު ގެންނަ، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ހޯދުމުގެ ގާނޫނަށް ގެންނަ މައިގަނޑު އިސްލާހަކީ އެފަދަ މައްސަލަތަކުގައި ބޭރުގެ ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ އިޖުރާއަތްތައް ކަނޑައެޅުމަށް ބޭނުންވާ އިސްލާހެވެ.



ތިންވަނައަށް އިސްލާހު ގެންނަ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަ މައިގަނޑު އިސްލާހަކީ، އެ ގާނޫނުގެ ދަށުން ޒާތީ މުއާމަލާތް އިންޓަރސެޕްޓް ކުރުމުގައި މިހާރު އަމަލުކުރާ އުސޫލުތަކަށް ބައެއް ބަދަލުތައް ގެނައުމަށް ހުށަހެޅުމުގެ އިތުރުން، ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ބައެއްބާރުތައް ދިނުމަށް ގެންނަ އިސްލާހުތަކެކެވެ.

އެގޮތުން ސާވިސް ޕްރޮވައިޑަރތަކުން ސަބްސްކްރައިބަރސްގެ މައުލޫމާތު ރިޓެއިން ކުރުމާއި ރައްކާކޮށްފައި ހުންނަ ކޮމްޕިއުޓަރ ޑާޓާ އަވަސްގޮތެއްގައި ޕްރިޒަރވް ކުރުމާއި ޑާޓާތައް ވަކި މިންވަރަކަށް ހާމަކުރުން ހިމެނެއެވެ. އަދި ރައްކާކޮށްފައި ހުންނަ ކޮމްޕިއުޓަރ ޑާޓާ ބަލައި ފާސްކުރުމާއި އެ ޑާޓާ ހިފެހެއްޓުމާއި ގުޅޭ އިޖުރާއަތްތައް ވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު