އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް 36 ބިލިއަނަށް ކުޑަކުރަން އިދިކޮޅު ޕީޕިއެމް-ޕީއެންސީން ބަޖެޓަށް އިސްލާހު ހުށަހަޅައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް ބަޖެޓް ކޮމެޓީން އެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކުރުމުން 42.8 ބިިލިޔަން ރުފިޔާއަށް ބަޖެޓް މިހާރު ވަނީ ބޮޑުވެފަައެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ ބަޖެޓަކީ ދިވެހި އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާނެ ބަޖެޓެއް ކަމަށެވެ. އެގޮތުން ބަޖެޓްގެ އަސާސްތައް ބިނާކޮށްފައިވަނީ ދިވެހިންގެ އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ހަރަދުކުރުމަށް ކަމަށް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ބަޖެޓު 36 ބިލިއަން ރުފިޔާއަށް ކުޑަކޮށް މަސްވެރިންނަށް ސީދާ މަންފާކުރާނެ ގޮތަށް 297،474،863ރ. މަސްވެރިންގެ ސަބްސިޑީއަށް އިތުރުކުރަން ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓަށް އިސްލާހު ހުށަހަޅާފައިވާނެ ކަމަށެވެެ. އަދި ސިޔާސީ ތައައްސުބުން އެއްކިބާވެ ގައުމުގެ ހައްގުގައި އިދިކޮޅުން ހުށަހަޅާފައިވާ އިސްލާހުތަކަށް މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ތާއީދުކޮށްދޭން އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށް ވޯޓަށް އެހުން މާދަމާގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު