ކުޑަރަށެށް ބޮޑުރަށެއް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ތަރައްޤީ ހޯއްދަވައިދެއްވުމަށް މި ސަރުކާރުން އަހައްމިއްޔަތުކަންދޭ މިންވަރު މި ސަރުކާރުން ގެނެސްދޭ ތަރައްގީން ފާހަގަވަމުންދާކަމަށް ދަރަނބޫދޫ ކައުންސިލުން ބުނެފި އެވެ.

ދަރަނބޫދޫ ކައުންސިލުން މިހެން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު މިއަދު ބޭއްވި ބައްދަލުކުރުމުގައެވެ.

މި ބައްދަލުކުރުމުގައި ދަރަނބޫދޫ ކައުންސިލް މެންބަރުން ވަނީ ކުޑަ ރަށެށް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ތަރައްޤީ ހޯދައިދިނުމަށް މި ސަރުކާރުން އަހައްމިއްޔަތުކަންދޭ މިންވަރު ފާހަގަކުރައްވައި، ފ. އަތޮޅަށް އެކަނި ބެލިކަމުގައިވިޔަސް އެންމެ ޖާގައިގެ ގޮތުން ތަނަވަސް، އެންމެ ފަސޭހަ ބަނދަރު ދަރަނބޫދޫގައި ޤާއިމްކޮށްފައިވުމަކީ މިގޮތުން ސަރުކާރުން ކޮށްފައިވާ މަސައްކަތުގެ ފޮނި ނަތީޖާކަމުގައި ވިދާޅުވެ، ރައީސުލްޖުމްރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ދަރަނބޫދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. އެގޮތުން، ކައުންސިލުން ވަނީ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ދާކަމުގައި ހާމަކޮށްފައެވެ. އަދި، ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ޢިޖްތިމާޢީ މަރުކަޒެއްގެ މުހިންމުކަމާއި، ރަށުގެ ބިނާވެށި ޕްލޭން ފާސްކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރިއެވެ.

މީގެ އިތުރުން ވެސް ކައުންސިލްގެ ބަޖެޓުގެ ދަތިކަމާއި، ސްކޫލްގެ ޖާގައިގެ ދަތިކަން އަދި، ޞިއްޙީ މަރުކަޒުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ.

ދަރަނބޫދޫ އ.ތ.މ. ކޮމެޓީއިން ވެސް ވަނީ އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ޖާގައިގެ ދަތިކަމާއި، މާލީދަތިތައް ފާހަގަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެރަށުގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާ ކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލާއި އ.ތ.މ. ކޮމެޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު