ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "ވިނަރެސް" ފްލެޓް ގަތުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އެޗްޑީސީން އާއްމުކޮށްފިއެވެ.

ވިނަރެސް ފްލެޓް ގަތުމަށް ފޯމު ހުށަހެޅުމަށް އެޗް.ޑީ.ސީން ހުޅުވާލީ މިދިޔަ ޖުލައިމަހުގެ 17 ވަނަ ދުވަހުއެވެ.

އެޗްޑީސީން ބުނީ ފޯމް ހުށަހެޅުމުގެ މުއްދަތު ސެޕްޓެމްބަރުމަހުގެ 15 ވަނަ ދުވަހަށް ހަމަވިއިރު، 1413 ފަރާތަކުން ފްލެޓްތައް ގަތުމަށް ހުށަހަޅާފައިވާކަމަށެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކާއި، ޝަރުތު ހަމަނުވާ ފަރާތްތަކުގެ މަޢުލޫމާތު އެޗް.ޑީ.ސީން މިހާރު ވަނީ އާއްމުކޮށްފައެވެ.

އެޗް.ޑީ.ސީން ބުނީ އާއްމުކޮށްފައި ލިސްޓުގައި ޝަރުތުހަމަވާ ފަރާތްތަކުގެ މާލީ ޤާބިލުކަން ބެލުމާއި ގުޅޭގޮތުން އެޗް.ޑީ.ސީން މަޢުލޫމާތު ހިއްސާކުރާނެކަމަށާއި މައި-އެޕްލިކަންޓާއި ކޯ-އެޕްލިކަންޓުގެ ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ކުރިއަށް ދެވޭނީ އެންމެ ފޯމަކާއެކުކަމަށެވެ.

މީގެއިތުރުން ވަގުތީ ލިސްޓުގައި ޝަރުތު ހަމަވާ ފަރާތްތަކުގެ މާލީ ޤާބިލުކަން ބެލުމަށްޓަކާ ފޯނުން ގުޅާނެކަމަށާއި، އެޗް.ޑީ.ސީން ހަމައެކަނި ގުޅާނީ 3353535 ނަންބަރުންކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އަދި އީމެއިލްކުރާނީ ހަމައެކަނި [email protected] މެއިލުންކަމަށްވެސް އެ ކޯރޕަރޭޝަނުން ބުނެފައި ވެއެވެ.

ވިނަރެސް ހައުސިން މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 10 ޓަވަރެވެ. އެއީ ޖުމްލަ 1344 ހައުސިންގ ޔުނިޓެވެ. މި ޕްރޮޖެކްޓްގައި ހިމެނޭ ހައުސިންގ ޔުނިޓްތަކުގެ ޢަމަލީ މަސައްކަތްތައް މިހާރު ވަނީ މުޅިންހެން ނިމިފައެވެ. މިއީ މުޅިންވެސް 3 ކޮޓަރިއާއި 3 ފާޚާނާ ހިމެނޭ ފްލެޓްތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު