ޖީއެސްޓީއާއި ޓީޖީއެސްޓީއަށް ގެނައި ބަދަލާއި ގުޅިގެން ރިޔާސީ އިންތިޚާބަށް އަސަރެއް ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މެމްބަރު އިސްމާއީލް މިހެން ވިދާޅުވެފައި މިވަނީ ޓެކުހަށް ގެނައި ބަދަލާއި ގުޅިގެން ބައެއް ފަރާތްތަކުން ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

މެމްބަރު އިސްމާއީލް ވިދާޅުވީ ޓެކްސް ބޮޑު ނުކުރިނަމަ އިޤްތިޞާދީ ގޮތުން ޤައުމަށް ލިބޭ ގެއްލުން މާބޮޑުވާނެ ކަމަށެވެ. އަދި ޓެކުހަށް ގެނެސްފައިވާ ބަދަލަކީ އޭގެއިން އާންމު ރައްޔިތުންނަށާއި، ސަރުކާރަށްވެސް އެންމެ ގެއްލުން ކުޑަވާނެ ގޮތަކަށް ގެނައި ހެޔޮ ބަދަލެއް ކަމަށެވެ.

މެމްބަރު އިސްމާއިލް ވިދާޅުވީ ޓެކްސް ބޮޑުނުކޮށް، ފެނާއި ކަރަންޓުގެ އަގު ބޮޑުކޮށް، މުވައްޒިފުންގެ މުސާރަ ކުޑަކޮށް، ވަޒީފާތަކުން މުވައްޒިފުން ވަކި ކުރިނަމަ ލިބޭ ގެއްލުން މާބޮޑު ވާނެކަމަށެވެ. އަދި ޓެކްސް ބޮޑުކޮށްގެން ރާއްޖެއަށް ވަމުން އަންނަ ރަނގަޅުގެ ސަބަބުން ރިޔާސީ އިންތިޚާބަށް އަސަރެއް ކުރާނެ ތަނެއް ނުފެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބަށް މާބޮޑަށް އަސަރު ކުރާނެ ޖީއެސްޓީއަށް ބަދަލު ނުގެނެސް ކަރަންޓް ބިލަށް ބަދަލު ގެނައިމަ. ރިޔާސީ އިންތިޚާބަށް މާބޮޑަށް އަސަރުކުރާނެ ޖީއެސްޓީއަށް ބަދަލު ނުގެނެސް ފެންބިލަށް ބަދަލު ގެނައިނަމަ. ރިޔާސީ އިންތިޚާބަށް މާބޮޑަށް އަސަރުކުރާން ޖީއެސްޓީއަށް ބަދަލު ނުގެނެސް މުސާރަތައް ކުޑަކުރީމަ. ރިޔާސީ އިންތިޚާބަށް މާބޮޑަށް އަސަރުކުރާނެ ޖީއެސްޓީއަށް ބަދަލު ނުގެނެސް ވަޒީފާތަކުން މީހުން އުނި ކުރީމަ." އިސްމާއިލް ވިދާޅުވިއެވެ.

ޓެކްސް ގާނޫނަށް ގެނައި އިޞްލާހުގައިވާ ގޮތުން ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުވާނެއެވެ.

އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މިކަމުގެ ސަބަބުން ދައުލަތަށް 3 ބިލިއަން ރުފިޔާގެ އާމްދަނީއެއް އިތުރަށް ލީބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު