ކ. މާފުށީގައި ހަށިވިއްކުމުގެ ހާދިސާއެއް ހިނގި ކަމަށް ރިކޯޑް ކުރެވިފައިނުވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

މާފުށީ ކައުންސިލުން މިހެން ބުނީ "މާފުށީ ވީކެންޑް، ރަލާއި ޑްރަގާއި ހަށިވިއްކުން ހައްދުން ނައްޓައިފި!" މި ސުރުޚީގެ ދަށުން މިހާރު ނޫހުގައި ޝާއިއު ކުރި ރިޕޯޓަކާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

މާފުށީ ކައުންސިލްގެ ފަސް މެންބަރުން ސޮއިކޮށް މިރޭ ނެރެފައިވާ ބަޔާނެެއްގައި ބުނެފައިވަނީ އެެރަށުގައި ހަށިވިއްކުމުގެ އެއްވެސް ހާދިސާއެއް ހިނގައިގެން ރިކޯޑް ކުރެވިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ހަށިވިއްކުމުގެ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި މާފުށި ސިފަ ކުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މާފުށީގައި ދިރިއުޅޭ މީހުންނާއި އެ ރަށަށް އަރާ ދެ ޖިންސުގެ މީހުންނަކީ ހަށިގަނެ ހަށި ވިއްކުމުގައި އުޅޭ މީހުން ކަމުގައި ދެކޭނަމަ އެއީ އެގޮތަށް ދެކޭ މީހުންގެ އުނި ކަމެއް ކަމަށްވެސް ކައުންސިލްގެ ބަޔާނުގައިވެއެވެ.

މާފުށީ ކައުންސިލުގެ ބަޔާނުގައި އިތުރަށް ބުނީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތައް ރާއްޖޭގެ އެކި ރަށްރަށުން އަބަދުވެސް ތަކުރާރުވަމުން ދަނީ އެ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ހިނގާތީ ނޫން ކަމަށެވެ.

"ޒިޔާރަތް ކުރާ މީހުން އިންތިހާއަށް ގިނަ ރަަށަކުން ކުރިމަތި ވެދާނެ އިޖްތިމާއީ މައްސަލަތަކަށް އިޖާބަ ދިނުމުގައި ކަމާބެހޭ ހުރިހާ އިދާރާތައް މަސައްކަތް ކުރަން ޖެހެނީ އެ މާހައުލަކާ އެކަށޭނަ ގާބިލްކަން ލިބި ތިބެގެން ކަން މި ކައުންސިލުންވެސް ގަބޫލު ކުރަމެވެ،" މާފުށީ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

މާފުށީ ކައުންސިލުން ބުނީ ރަލާ އޫރުމަހާ ނުލައިވެސް ޓޫރިޒަމަކީ ކުރިއަށް ގެންދެވިދާނެ ވިޔަފާރިއެއްކަން މުޅި ދުނިޔެއަަށް މާފުށީ ރައްޔިތުން ސާބިތުކޮށް ދީފައިވާ ކަމަށެވެ. އަދި ޓޫރިސްޓުން މާފުއްޓަށް އަންނަނީ އެ ރަށުގެ ރީތިކަން ދެކެލާ ހިތްހަމަ ޖައްސާލުމަށް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

"ވީމާ ކަމުގެ ވަށައިގެން ހުރި ހަގީގަތްތަކަށް ބުރަވެ އޮންނަ ނުރަނގަޅު ރަނގަޅު ކުރުމަށްވުރެ ބޮޑަށް ސިޔާސީ ނިޔަތުގައި ކަންކަން ނަގައިގެން ސަރުކާރަށް ފާޑުކިޔުމުގެ ރޫހުގައި ތެދުވުމުގެ އާދަ ދޫކޮށް އީޖާބީ ހުށައެޅުންތަކަށް މިކައުންސިލުން މަރުހަބާ ކިޔަމެވެ،" މާފުށީ ކައުންސިލްގެ ބަޔާން ނިއްމާލަމުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު