ރާއްޖޭގެ ރިޒާވް އެންމެ ބޮޑަށް ދަށްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢިލް އަޙްމަދު ވިދާޅުވެއްޖެއެެވެ.

ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަން ކުރެއްވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހާއި ހަމަޔަށެވެ. ރާއްޖޭގެ ރަސްމީ ރިޒާވް އާއި ގުޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅު ތަކާއި ގުޅިގެން ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢިލް އަޙްމަދު، އިއްސެ ވިދާޅުވީ ރާއްޖޭގެ ފަހުގެ ތާރިޚެއްގައި ރަސްމީ ރިޒާވް އެންމެ ބޮޑަށް ދަށްވީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި 32 މިލިއަން ޑޮލަރަށް ރާއްޖޭގެ ރިޒާވް ދަށްވި ކަމަށް އިއްސެ ވިދާޅުވިއެވެ. އަދި އޭގެފަހުން ރިޒާވް ދަށައް ދިޔައީ ރައީސް ޔާމިންގެ ވެރިކަމުގައި 43 މިލިއަން ޑޮލަރަށް ކަމަށް އިއްސެ ވިދާޅުވިއެވެ. ކޮވިޑުގެ ދަތި އުނދަގޫ ހާލަތާއި އިގްތިސާދީ ގޮތުން ދިމާވި ދަތިތަކާއެކު ވެސް ރައީސް ސާލިޙުގެ ސަރުކާރުގައި 110 މިލިއަން ޑޮލަރު ރިޒާވްގައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ދައުލަތަށް އާންމުކޮށް ވަންނަ ގާތްގަނޑަކަށް 35 ބިލިއަނެއްހާ ރުފިޔާ ދައުލަތަށް ނުވަދެ ޓޫރިޒަމް ބަންދުކޮށް މިހުރިހާ ހާލަތަކާއި އެއްކޮށް ވެސް ހުރިހާ އަސާސީ ޚިދުމަތެއް ފޯރުކޮށްދެމުން އައިސް ހުރިހާ ލޯނެއް އޭގެ އެންމެ ރަނގަޅު ވަގުތުގައި އެންމެ ރަނގަޅު އަދަދުގައި ދައްކަމުން އައިސް 110 މިލިއަން ޑޮލަރު އެންމެ ފަހުން މި ބަޖެޓް ދިރާސާ ކުރި ދުވަސްވަރު ވެސް އަޅުގަނޑުމެންނަށް ފެންނަން އެބައޮތް،" އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ސާލިޙުގެ ފެކްޝަންގައި ހިމެނޭ އިއްސެ ވިދާޅުވިއެވެ.

މީގެ އިތުރުން އިއްސެ ވިދާޅުވީ ރިޒާވްގައި ހުރި ފައިސާގެ މައުލޫމާތު ސަރުކާރުން މަޖިލީހާއި ހިއްސާކޮށްފައިވާ ކަމަށާއި އެއީ ސިއްރު އެއްޗެއް ނޫން ކަމަށެވެ. އަދި އެމައުލޫމާތު މިހާރު އާންމު ނުކުރަނީ އައިއެމްއެފްގެ އުސޫލަކަށް އައި ބަދަލާ ގުޅިގެން ކަމަށް އިއްސެ ވިދާޅުވިއެވެ.

އިއްސެ ވިދާޅުވީ ދަރަނި ދެެއްކޭނެ ގޮތެއް ނެތް ކަމާއި ރާއްޖެ ބަނގުރޫޓު ވެދާނެ ކަމުގެ ވާހަކައަކީ ސިޔާސީ ވާހަކަތަކެއްކަމަށެވެ. އެގޮތުން މީގެ ދެ އަހަރު ކުރިން ވެސް ބަނގުރޫޓުވާ ވާހަކަ ދެއްކެވި ބޭފުޅުންނަށް ހީވާނީ ރާއްޖެ އޮންނާނީ ބަނގުރޫޓު ވެފައިކަމަށް ކަމުގައި އިއްސެ ވިދާޅުވިއެވެ. އަދި ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ހިކުމަތްތެރިކަމާއެކު މިއަދު 2019 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ހުރި ހާލަތަށް މިސްރާބު ހިފާފައިވާ ކަމަށް އިއްސެ ވިދާޅުވިއެވެ.

ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ އެކަށީގެންވާ މިންވަރަށް ރިޒާވްގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ފޮރިން ކަރެންސީ ރިޒާވް ވަރަށް ދަށްވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރިޒާވާއި ގުޅޭގޮތުން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅު ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު