ސޯޝަލް މީޑިއާއަކީ އަންހެނުންނަށް އެކި ގޮތްގޮތުން ފުރައްސާރަކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދައިގެން ނުވާނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހާއި ގުޅިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ނެރުއްވި ބަޔާނުގައި ވިދާޅުވީ މިދުވަސް ފާހަގަކުރާއިރު ހަމައެކަނި ދައްކަން އޮތީ އަންހެނުންނަށް ކުރާ ޖިސްމާނީ އަނިޔާތަކުގެ ވާހަކަ އެކަނި ނޫންކަމަށެވެ. އަދި މިއަދު ޖިސްމާނީ އަނިޔާގެ އިތުރުން، ސޯޝަލް މީޑިއާގައި އަންހެނުންނަށް ކުރާ އެކިއެކި ފުރައްސާރަތައްވެސް އިތުރުވަމުންދާކަމަށާއި، ހާއްސަކޮށް ސިޔާސީ ކަންކަމުގައި އުޅޭ އަންހެނުންނަށް ކުރިމަތިވާ ފުރައްސާރަ އިތުރުކަމަށް ރޮޒައިނާ ވިދާޅުވިއެވެ.



ރޮޒައިނާ ވިދާޅުވީ މުޖްތަމައުގެ ކަންކަން އިސްލާހުކުރަން ސިޔާސަތުތައް އެކަށައަޅާއިރު އަންހެނުންގެ ހިއްސާ އެކަމުގައި އޮންނަ މިންވަރު އިތުރުކުރަންޖެހޭކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަކީ މަޖިލީހާއި އެނޫންވެސް ސިޔާސީ ޕްލެޓްފޯމްތަކުން އަންހެންނަށް ޖާގަ ހޯދައިދޭން އޮތް އެންމެ ބޮޑު ވަސީލަތްކަމަށްވެސް ރޮޒައިނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ކުރިމަތިވަމުންދާ ފުރައްސާރަތަކުގެ ސަބަބުން އަންހެނުން ސިޔާސީ މައިދާނަށް ނެރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްތައް ކުރިމަތިވަމުންދާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ މިކަމުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަންހެނުންނަށް ކުރާ ފުރައްސާރަތަކުގައި، ފިރިހެނުންގެ އިތުރުން އަންހެނުން ބައިވެރިވާކަން ކަމުގައި ރޮޒައިނާ ފާހަގަކުރެއްވިއެވެ.

ރޮޒައިނާގެ ބަޔާނުގައި ވިދާޅުވީ ބިނާކުރަނިވި ފާޑު ކިޔުމާއި، ހަޑިހުތުރު ބަހުން ފުރައްސާރަކުރުމަކީ މުޅިން ތަފާތު ދެ ކަމެއްކަމަށާއި، ސިޔާސީގޮތުން ކޮންމެ ވިސްނުމެއް ގެންގުޅުނަސް އެކަކު އަނެކަކަށް އިހްތިރާމް ކުރަންޖެހޭކަމަށެވެ. އަދި އަންހެނުންނަށް އެކި ގޮތްގޮތުން ކުރަމުންދާ ފުރައްސާރައާއި އަނިޔާއާ ދެކޮޅަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް އަތުކުރި އޮޅާލުމަށް ރޮޒައިނާގެ ބަޔާނުގައި ވަނީ ގޮވާލަްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު