އަންނަމަހުގެ 3 ވަނަ ހަފުތާގައި ފަތުރުވެރިން ރާއްޖެ ގެނައުމަށް މިއަހަރު ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުން ވަރަށް ގާތްކަމަށް ޓޫރިޒަަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިއަދު ވިދާޅުވީ މިއަހަރުގެ ނޮވެމްބަރުމަހު ރާއްޖެ ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ކޯވިޑްގެ ކުރިން 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 7.5 އިންސައްތަ އިތުރުކަމަށެވެ.

ރާއްޖެއިން މިއަހަރަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެއް ކަނޑައަޅާފައިވާއިރު މައުސޫމް ވިދާޅުވީ އަންނަމަހުގެ 3 ވަނަ ހަފްތާގެ ތެރޭގައި އެ އަމާޒު ހާސިލުވާނޭކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށެވެ.



ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1456170 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 2.8 އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް މިދިޔަ އަހަރާއި އަޅާބަލާއިރު މިއީ 29.8 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އޮކްޓޫބަރުމަހުއެވެ. އެއީ 153737 ފަތުރުވެރިންނެވެ. އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާ، ރަޝިޔާ އަދި އިނގިރޭސިވިލާތުންނެވެ.



ކިޔުންތެރިންގެ ހިޔާލު