ޤައުމީ ޓީމުގެ ކުޅުންތެރިން ވިހެއުމަށްފަހު ކުޅުން ހުއްޓާލާ، ނުވަތަ ކުޅުމާއި ދުރަށްދާން ވިސްނާކަށް ދެން ނުޖެހޭނެކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ ޤައުމީ ޓީމުތަކުގައި ހިމެނޭ އަންހެނުން ކުޅުންތެރިންނަށް، އެ ކުޅުންތެރިންގެ އަހަރު ނުފުރޭ ކުދިން ގޮވައިގެން މުބާރާތްތަކަށް ދެވޭ ގޮތަށް ސަރުކާރުން ކަންކަން އިންތިޒާމްކުރެއްވުމާއި ގުޅިގެނެވެ.

މަހްލޫފް ވިދާޅުވީ މީގެ ފަހުން ގައުމީ ޓީމުގެ ކުޅުންތެރިން ވިހެއުމަށްފަހު ކުޅުން ހުއްޓާލާ ކުޅުމާ ދުރަށްދާން ވިސްނާކަށް ނުޖެހޭނެކަމަށެވެ. އަދި އަހަރު ނުފުރޭ ދަރިފުޅު އަދި ބެލެނިވެރިއެއް ރާއްޖޭން ބޭރުގެ ތަމްރީން އަދި މުބާރާތްތަކަށް ފޮނުވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

"އަންހެން ވޮލީ ޓީމު އެފުރީ 1 އަހަރު ނުވާ 4 ކުދިން ގޮވައިގެން. އުފާވެރި ދުވަހެއް." މަހްލޫފް ވިދާޅުވިއެވެ.



ޤައުމީ ޓީމުތަކުގައި ހިމެނޭ އަންހެނުން ކުޅުންތެރިންނަށް، އެ ކުޅުންތެރިންގެ އަހަރު ނުފުރޭ ކުދިން ގޮވައިގެން މުބާރާތްތަކަށް ދެވޭ ގޮތަށް ސަރުކާރުން ކަންކަން އިންތިޒާމްކުރައްވާފައިވާއިރު މީގެކުރިން މިފަދަ އެއްވެސް އިންތިޒާމެއް ނޯވެއެވެ. އެހެންކަމުން ދަރިން ލިބުމުން ގިނަ އަންހެން ކުޅުންތެރިން ޖެހެނީ ކުޅުމާއި ދުރަށްދާށެވެ.



ކިޔުންތެރިންގެ ހިޔާލު