މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއިމެދު ކުރިން ރައްޔިތުން ދެކެމުންއައިގޮތް ބަދަލު ވެފައިވާ ކަމަށާއި މިއަދު އެ ޕާޓީއަކީ ދަތި ދުވަސްވަރެއްގައި ގައުމު ސަލާމަތް ކޮށްދިން ޕާޓީކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގައި ބޮޑެތި ބައިބައިވުންތަކެއް އުފެދި ދެ ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާއިރު، ރޮޒޭނާއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފެކްޝަންގެ ބޭފުޅެކެވެ. އަދި ދެފެކްޝަންގެ އަރައިރުންވުމުގައި ރޮޒައިނާއަކީ އެންމެބޮޑަށް ފާޑުކިއުން އަމާޒުވާ އެއް މެންބަރެވެ.

މި ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ރޮޒޭނާ މިއަދު ވިދާޅުވީ، މީގެ ކުރިން މީހުން އެމްޑީޕީ ދެކެނީ ހަމައެކަނި މަގުމަތީ ހަރަކާތަށް ފަރިތަ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ.

ނަމަވެސް، މިއަދު އެމްޑީޕީ ވެފައިވަނީ، މި ގައުމަށް އެންމެ ދަތި ދުވަސްވަރު ގައުމު ސަލާމަތް ކޮށްދިން ޕާޓީއަށް ކަމަށާއި އަދި ސަލާމަތީ ހިދުމަތްތަކުގެ އިތުބާރުވެސް އޮތް، ހުރިހާ ޕާޓީތަކާއެކު ވެސް މަސައްކަތް ކުރެވޭ ޕާޓީއަކަށް ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙަށް ތައުރީފު ކުރައްވާ ރޮޒޭނާ ވިދާޅުވީ، މި ގައުމަށް ޑިމޮކްރަސީ ތައާރަފުވީފަހުން އައި އެންމެ އަމާން ފަސް އަހަރަކީ ރައީސް ޞާލިޙްގެ މި ފަސް އަހަރުކަމާމެދު ޝައްކެއް ނެތްކަމަށެވެ. އަދި އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ހޯއްދަވައިދެއްވި ރައީސް އަކީ ވެސް ރައީސް ޞާލިޙް ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.



"ކޯލިޝަންއަކާއެކު ވެރިކަމަށް ވަޑައިގެން އެއްބަސްވުމަށް އިހުތިރާމު ކުރެއްވި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ. އާ ގާނޫނު އަސާސީގެ ދަށުން ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ވެރިކަންކުރެއްވި ހަމައެކަނި ރައީސް." ރައީސް ޞާލިޙަށް ތައުރީފު ކުރައްވަމުން ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒޭނާ އިތުރަށް ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް އެންމެ ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވި ރައީސްއަކީ ވެސް ރައީސް ޞާލިޙް ކަމަށެވެ. އެގޮތުން ސިޔާސީ މަގާމުތަކަށް އަންހެނުން ގެނައުމާއި އިގުތިސާދީ ގޮތުން އަންހެނުން ކުރިއެރުވުމަށް ލޯނާއި ޓްރޭނިންގ ދިނުމާއި އިޖުތިމާއީގޮތުން އަންހެނުންނަށް ފަސޭހަ ކޮށްދިނުމަށް ހަމަހުގެ ވިހެއުމުގެ ޗުއްޓީ އަކީ ރައީސް ޞާލިޙް ކޮށްދެއްވި މުހިންމު ކަންކަން ކަމުގައި ރޮޒޭނާ ފާހަގަ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު