ދަޢުލަތުގެ ދަރަނި ބޮޑުވީ ކުރީ ސަރުކާރުން ދަޢުލަތުގެ ފައިސާއަށް އަމާނާތްތެރިނުވުމުން ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހުގައި ކުރަމުންގެންދާ ބަޖެޓް ބަހުސްގައި ގިނަ މެންބަރުން ގެންދަވަނީ ދަޢުލަތުގެ ޚަރަދު ބޮޑުވެފައިވާ ކަމަށާއި ދަރަނި ބޮޑުވެފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

މެންބަރުންގެ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެންބަރު ސަލީމް ވިދާޅުވީ މެންބަރުންގެ އެކަންބޮޑުވުން ވިސްނިވަޑައިގަންނަވާ ކަމަށާއި އެ ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން މެދުވެރިވީ ދަޢުލަތް ހިންގުމަށް އިދިކޮޅު ފަރާތްތަކަށް ލިބުނު ފުރުސަތުގައި ދަޢުލަތުގެ ފައިސާ ރަނގަޅަށް މެނޭޖް ނުކުރެވުމުން ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އެ ޙަޤީޤަތް ޤަބޫލުކުރަންޖެހޭ ކަމަށާއި ދަޢުލަތުގެ ފައިސާ ރަނގަޅަށް މެނޭޖް ކުރެވުނުނަމަ ދަރަނި ބޮޑުކަމުގެ މައްޗަށް ހިތާމަކުރަން ނުޖެހޭނެ ކަމަށެވެ.

“އެ ޙަޤީޤަތް އަޅުގަނޑުމެން އޮޅުވާލަން އުޅެގެން ނުވާނެ. އެފައިސާ ދަޢުލަތުގެ ހުންނަންވާ އެކައުންޓުތަކުގައި ހުރިނަމަ މިއަދު އެހިތާމައެއް ނުޖެހޭނެ. މިއަދު އަޅުގަނޑުމެން ތިބޭނީ މާއުފަލުގައި.” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުން ބަޖެޓް ހުށައަޅާފައިވަނީ މުޅި ދުނިޔެ އިޤްތިޞާދީ ރިސެސްއަކަށް ގޮސްދާނެކަމުގެ އިންޒާރު އިޤްތިޞާދީ މާހިރުން ދީފައިވާ ވަގުތެއްގައި ކަމަށެވެ. އެގޮތުން ކޮވިޑް-19 އާއި ރަޝިއާ ހަނގުރާމައާއި ކާބޯތަކެއްޗާއި ތެލުގެ އިންފްލޭޝަން މައްޗަށް ގޮސްފައިވާކަން ސަލީމް ފާހަގަކުރެއްވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ ސަރުކާރުން ހުށައަޅާފައިވަނީ މިފަދަ ދަތި ދަނޑިވަޅެއްގައިވެސް ރައްޔިތުން މާޔޫސް ކޮށްނުލާ ރައްޔިތުންނަށް އުންމިދު ގެނެސްދޭނެ ބަޖެޓެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު