ޓެކްސް ބޮޑުކޮށްގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް، މަޓާޓޯއިން ބުނާވަރުގެ ގެއްލުމެއް ނުވާނެ ކަމަށް ޓުއަރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޓީމުން ބުނެފި އެވެ.

ޓީމުން މިހެން ބުނީ ޓެކްސް ބޮޑުކުރުމާއި ގުޅިގެން ޓޫރިޒަމް ވިޔަފާރިތަކުގެ އާމްދަނީއަށް 50 މިލިއަން ޑޮލަރާއި ހަމައަށް ގެއްލުންވާނެ ކަމަށް މަޓާޓޯއިން ބުނުމާއި ގުޅިގެންނެވެ. ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޓާޓޯއިން ބުނާ ވަރުގެ ގެއްލުމެއް ވާނެ ކަމަށް އެޖަމިއްޔާ އަށް ނުފެންނަ ކަމަށެވެ.

ޓެކުހަށް ގެނަސްފައިވާ ބަދަލާއިއެކު ޓުއަރ އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ ފައިދާއަށް އަސަރު ކުރާނެކަން ޤަބޫލު ކުރެވޭ ކަމަށާއި އެހެން ނަމަވެސް ޓެކްސް ބޮޑު ކުރުމުން ބުކިން ކެންސަލްނުވާނެ ކަމަށް އެބަޔާނުގައިވެއެވެ. މީގެ ކުރީންވެސް ޓެކުހަށް ބަދަލު ގެނެސްފައިވާއިރު އެފަދަ ކަމެއް ހިނގާފައި ނުވާކަން ވެސް ޓީމުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ބުކިން ކެންސަލް ވުމުގެ ސަބަބުން މުވައްޒަފުންގެ ސާވިސް ޗާޖުން 2000ރ. މަދުވާނެ ކަމަށް މަޓާޓޯއިން ބުނާ ބުނުން ދޮގުކޮށް ޓީމުން ބުނީ ސަރުކާރުން މި ބަދަލު ގެންނައިރު މިއަށް ވުރެ އިތުރަށް ވަގުތު ދީގެން ކުރާނަމަ އިތުރުށް ފުރިހަމަވާނެ ކަމަށެވެ. އެހެން ނަމަވެސް މި ބަދަލަކީ ގެނައުން މުހިންމު ބަދަލެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެގޮތުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމާއި މުވައްޒަފުންގެ މުސާރަ އިތުރުކޮށް އިޤްތިޞާދު ރަނގަޅު ކުރުމަށް، ޓީޖީއެސްޓީ، ބީޕީޓީ އަދި އިންކަމް ޓެކްސް މަޑުމަޑުން އިތުރުން ކުރަން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ޓީމްގެ ބަޔާނުގައި ބުނެފައިވަނީ ޓެކުހަށް ގެނެވޭ ބަދަލުގެ ސަބަބުން އެކި ސިނާޢަތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި މިފަދަ ސިޔާސަތުތަކަށް އެ ޖަމިއްޔާއިން އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ޓީމުން ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށާއި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް ސަރުކާރުން މިހާރު ވަނީ ނިއްމާފައެވެ.



ކިޔުންތެރިންގެ ހިޔާލު