އިބްރާހިމް ފަހީމް   24 ނޮވެމްބަރު 2022 - 23:46
ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗުގައި ގާނާ އާއި ބައްދަލުކުރި މެޗު ޕޯޗުގަލުން ކާމިޔާބު ކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ، ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މި މެޗު ޕޯޗުގަލުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ގޯލެއް ނުޖެހިއެވެ. ނަމަވެސް، ދެވަނަ ހާފުގައި ގާނާގެ ޑިފެންޑަރު ޕެނަލްޓީ އޭރިއާތެރެއިން ކުރި ފައުލްއަކާއި ގުޅިގެން ޕޯޗުގަލްއަށް ޕެނަލްޓީއެއް ދިނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ރޮނާލްޑޯވަނީ މެޗުގައި ފުރަތަމަ ފަހަރަށް ޕޯޗުގަލްއަށް މޮޅެއް ހޯދައިދީފައެވެ.

މި ލަނޑާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ފަސް ވޯލްޑް ކަޕުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ. އަދި ތިން ވޯލްޑް ކަޕުގައި ޕެނަލްޓީއިން ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށްވެސް ރޮނާލްޑޯ ވަނީ ވެފައެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ގާނާއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ ކެޕްޓަން އެންޑްރީ އާޔޫއެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ޕޯޗުގަލުން ވަނީ އިތުރު ލަނޑެއް ޖަހާ އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ ޖާއޯ ފީލިކްސްއެވެ.

އަދި ގާނާއަށް ހަމަޖެހިލަން ވަގުތުކޮޅެއް ނުދީ، އޭގެ ތިން މިނެޓު ފަހުން ޕޯޗުގަލުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، ރަފެއެލް ލިއޯއެވެ.

މެޗު ނިމުމުގެ ކުރިން ގާނާއިން ވަނީ އިތުރު ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އޮސްމާން ބުކާރީއެވެ.



ކިޔުންތެރިންގެ ހިޔާލު