މ. ނިރުފެހިގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވެފައިވާ ގޭގޭގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނެފި އެވެ.

އެންޑީއެމްއޭއިން މިއަދު ބުނީ ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ކުރަމުންދިޔަ، އެ ހާދިސާގައި ގެއްލުންވެފައިވާ ގޭގޭގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރަމުން އަންނަނީ، އެ ގެތަކަށް ލިބުނު ގެއްލުންތައް އަގު ކުރުމާއި އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް ވެސް އެންޑީއެމްއޭއިން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ އެ ހާދިސާގައި ނިރުފެހިގޭގެ އިތުރުން ދެން ގެއްލުން ލިބުނީ ދެ ގެއެއްގެ ފަސް ގޭބިސީއަކަށް ކަމަށެވެ. އެއީ މ. ވާދީގެ ހަތަރު ގޭބިސީއަކާއި މ. ސެންޑްރޯސްގޭގެ ގޭބިސީއަކަށް ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެެވެ.



އަދި އެ ފަސް ގޭބިސީތަކުގައި ދިރިއުޅުނު އާއިލާތަކަށް، ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން، އެހެން ތަނެއް ކުއްޔަށް ހިފުމަށް 15 ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ ކަންކަން ހަމަޖެއްސުމަށް ފައިސާގެ އެހީތެރިކަން ދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެެ.

ނިރުފެހިގޭގައި ދިރިއުޅުނު ބިދޭސީންގެ ތެރެއިން ނުވަ މީހަކަށް، އެ މީހުންގެ ދިރިއުޅުން އާންމު ހާލަތަށް ބަދަލުކުރުމަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަމާއި ނަފުސާނީ އެހީތެރިކަން ދިނުމަށް ދިވެހި ރެޑްކްރެސެންޓާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެެވެ.



ނިރުފެހިގޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 8 މީހަކާއި ބަންގްލަދޭޝްގެ ދެ މީހުންނެެވެ. މިއީ ފަހުގެ ތާރިޚެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.



ކިޔުންތެރިންގެ ހިޔާލު