ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ 6 އެއަރޕޯޓްގެ މަސައްކަތަށް ބޭނުންވާ ފައިސާގެ ބައެއް ހޯދުމަށް އަމިއްލަ ކުންފުންޏަކާއެކު ސަރުކާރުން އެއްބަސްވުމެއް ޤާއިމްކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ފައިނޭންސިންގ އެގްރިމެންޓެއްގައި ސޮއިކޮށްފައިވަނީ މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެކުއެވެ.

މިއީ، ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން 6 ސަރަހައްދުގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ ތަރައްޤީ ފައިނޭންސް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އާއްމުކޮށް ހުޅުވާލެވުނު ދައުވަތާ ގުޅިގެން ވެވުނު އެއްބަސްވުމެެއްކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ބުނީ، މުނި ކުންފުންޏާ ހަވާލުކުރީ ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނޭ ރަށެއް ލިބޭ އުސޫލުން އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަންކަމަށެވެ.



ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން 6 ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމަށް ޕްލޭނިން މިނިސްޓްރީން އިއުލާންކުރީ މި އަހަރު ކުރީކޮޅުއެވެ.

މި މޮޑެލްގެ ދަށުން އެއާޕޯޓް އެޅުމުގެ އިތުރުން އެއަރޕޯޓް އެޅުމަށް ފައިނޭންސްވެސް ކުރެވޭނެއެވެ. އެގޮތުން އެއަރޕޯޓް ތަރައްޤީ ކުރުމަށް މަދުވެގެން ހުށަހެޅޭ ކަމަށް މީގެކުރިން އިޢުލާނު ކޮށްފައިވާ 5 މިލިއަން ޑޮލަރު، 3 މިލިއަނަށް މިހާރު ވަނީ ކުޑަކޮށްފައެވެ.

އެގޮތުން އެއާޕޯޓް އެޅުމަށް އިޢުލާނު ކޮށްފައިވާ ރަށްތަކަކީ ހދ. މަކުނުދޫ އެއާޕޯޓަށް 23.3 މިލިއަން ޑޮލަރު، ށ. ބިލަތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު، ބ. ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު، ތ. ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު، ފ. މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރު އަދި ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް 23.6 މިލިއަން ޑޮލަރެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ތަރައްޤީ ލާމަރުކަޒު ކުރުމުގެ ނާރެހަކީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅައިލުން ކަމަށެވެ. އެގޮތުން އިތުރު 5 އެއަރޕޯޓެއް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން