ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޔޫރަޕިއަން ޔޫނިއަންގެ ވަފްދާއި މަޝްވަރާކުރައްވައިފިއެވެ.

ހަ ވަނަ "މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް" ގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ޔޫރަޕިއަން ޔޫނިއަންގެ ސަފީރުންގެ ވަފްދުވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި މިއަދު ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ވަފްދުގެ ބޭފުޅުންވަނީ މިފަހަރުގެ މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިމަޝްވަރާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާވަނީ ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމުގައި މިހާރަށްވުރެ ލުއިގޮތްތަކެއް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ހަމައެއާއެކު ރާއްޖެއިން ބާނާ މަހަށް ޔޫރަޕްގެ މާކެޓްގައި ފުރުސަތުތައް ފަހިކޮށް ދިނުމަށްޓަކައި ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ނުވަތަ ޑިއުޓީ ކުޑަކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

އީޔޫގެ ވަފުދުންވަނީ ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން އެކި ދާއިރާތަކުން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވާފައެވެ.

އަދި އދ.ގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ސިޔާސަތު ބެލެހެއްޓުމުގައި ރާއްޖެއިން އަދާކުރި އިސްދައުރު އެބޭފުޅުންވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 2023-2025 ގެ ދައުރުގެ މެމްބަރުކަން ރާއްޖެއިން ކާމިޔާބުކޮށްފައިވާތީ އީޔޫގެ ވަފުދުންވަނީ މަރުޙަބާ ވިދާޅުވެފައެވެ.

މިކައުންސިލް މެދުވެރިކޮށް ހުޅަނގުގެ ޤައުމުތަކާއި އޭޝިއާގެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަދާކުރާ މުހިއްމު ދައުރުވެސް އީޔޫ ވަފުދުންވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއާއި އީޔޫއާ ދެމެދު އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އީޔޫގެ ވަފުދުންވަނީ ވިދާޅުވެފައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ދެނިސް ޗައިބީއެވެ. މީގެ އިތުރުން މިވަފުދުގައި އިޓަލީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޓާ މަނެއްލާ އާއި އޮސްޓްރިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެތެރީނާ ވީޒަރ އާއި ޖަރުމަނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހޮލްގަރ ލޯތަރ އާއި ނެދަލެންޑްސް އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބޮނީ ހާރބޯކް އާއި އެމްބަސީ އޮފް ރޮމޭނިޔާގެ ޗާޖް ޑި އެފެއާޒް ވިކްޓަރ ޗިއުޑިއާ އަދި ފްރާންސް އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، އޮރެލިއެން މެއިލޭ ހިމަނަވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން